ހަބަރު

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނިންމަން 101.7 މިލިއަން ރުފިޔާ

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަން ފެށި ނަމަވެސް މިހާރު ހުއްޓިފައިވާ، އެ ފްލެޓުތަކުގެ މަސައްކަތް ނިންމުމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ. އެ މަސައްކަތް ހިމަނާފައި ވަނީ ޕީއެސްއައިޕީގެ މަޝްރޫއުގެ ގޮތުގަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ އިރު އެ ބަޖެޓުގައި ބުނެފައިވާ ގޮތުން ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އިމާރާތް ނިންމުމަށް އިތުރަށް ޖެހޭ ކަންކަމަށް 101.7 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. މިދިޔަ ދެ އަހަރު އެ މަސައްކަތް ކުރަމުން ދިޔައީ ފުލުހުންނާއި ސިފައިންގެ ކުންފުނި، ޕޮލްކޯ އާއި ސިފްކޯގެ ބަޖެޓުން އެވެ. ނަމަވެސް 2020 ވަނަ އަހަރު އެ މަޝްރޫއަށް 215.7 މިލިއަން ރުފިޔާ ހަރަދު ވާއިރު 2021 ވަނަ އަހަރު އެ މަޝްރޫއަށް 440.7 މިލިއަން ރުފިޔާ ހަރަދު ކުރަން މިއަހަރު ވަނީ ބަޖެޓްކޮށްފަ އެވެ.

އެކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ބަޖެޓުގައި އަންނަ އަހަރަށް ހިމަނާފައި ވަނީ ފްލެޓުތަކުގެ ފިނިޝިންއަށް ބޭނުންވާ މަސައްކަތްތައް ކުރުމުގެ ހަރަދު ކަމަށާއި އެކަމަށް ފައިސާ ހޮދާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ ފްލެޓްތައް ނިންމަން ބަޖެޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިންމާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ
އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ
ކުންފުންޏަކުން އެވެ. އެ ތަންތަނުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތާ މިހާރު ވަނީ އަހަރުތަކެއްވެފަ އެވެ.