އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ކޮންމެ މެމްބަރަކަށް ޖުމްލަ 22 މިނެޓު ދޭން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި މެމްބަރުން ވާހަކަ ދައްކަން ދެވޭ ފުރުސަތު ދިގުމިން ކަނޑައަޅަން މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް ވަނީ މީގެ ކުރިން ބަހުސަށް ވަގުތު ކަނޑައަޅާފައިގޮތް ވިދާޅުވެ ދެއްވައިފަ އެވެ.
ހަސަން ލަތީފް ވިދާޅުވީ މީގެ ކުރިން ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނެޓު އަދި ބަޖެޓު ދިރާސާ ކޮމިޓީގެ ރިޕޯޓު ހުށަހެޅުމަށް އެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެމްބަރަކަށް އިތުރު ހަތް މިނެޓު ދީފައިވާ ކަމަށެވެ. އެހެންކަމުން މި ފަހަރު ވެސް އެގޮތަށް ކަންކުރުމަށް ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އިއްތިފާގުން ފާސްވި އެވެ. އެހެންވެ އަންނަ އަހަރުގެ ބަޖެޓްގެ ބަހުސަށް ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް ނިންމީ އެވެ.
އަދި ބަޖެޓު ބަހުސްގެ މަރުހަލާގެ ތެރެއިން ބަޖެޓާ ބެހޭ ގޮތުން ޖަވާބުދާރީވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓު އެރުވުމަށް ވެސް ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.