ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާސަންދަ

އަލަށް އުފަންވާ ކުދިންނަށް އާސަންދަ އިން ދިން ލުއި އުވާލައިފި

Nov 1, 2021

ކޮވިޑް 19ގެ ދުވަސްވަރު އައިޑީ ކާޑު ހަދައިދިނުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމާ ގުޅިގެން އަލަށް އުފަންވާ ކުދިންނަށް އެ ކުދިންގެ މަންމަގެ އައިޑީ ކާޑު ބޭނުންކޮށްގެން އާސަންދައިގެ ހިދުމަތް ދެމުން ގެންދިޔަ އުސޫލު އުވާލައިފި އެވެ.

ކޮވިޑްގެ ހާލަތު މިދިޔަ އަހަރު އެންމެ ގޯސްވި ދުވަސްވަރު އާސަންދަ ކުންފުނިން ވަނީ އަލަށް އުފަންވާ ކުދިންގެ އައިޑީ ކާޑު ނެތް ނަމަވެސް އެ ކުއްޖާގެ މަންމަގެ އައިޑީ ކާޑު އޮތް ނަމަ ކުއްޖާ އަށް ހިދުމަތް ދީފަ އެވެ.

ކޮވިޑްގެ ކުރިން އާސަންދަ އިން އަލަށް އުފަންވާ ކުދިންނަށް ހިދުމަތް ދެމުން ގެންދިޔައީ އެ ކުދިން އުފަންވާތާ 28 ދުވަސް ވަންދެން މަންމަގެ އައިޑީ ކާޑު ބޭނުންކޮށްގެން އާސަންދަ ސްކީމުގެ ހިދުމަތް ލިބޭ ގޮތަށެވެ. އެ މުއްދަތު ހަމަވުމުން ހިދުމަތް ދެމުން ގެންދިޔައީ ކުއްޖާގެ އައިޑީ ކާޑަށެވެ.

އާސަންދަ އިން ބުނީ އަލަށް އުފަންވާ ކުދިންނަށް އެ ކުންފުނިން ކޮވިޑްގެ ދުވަސްވަރު ހިދުމަތް ދިނުމަށް ދިން ލުއި މިއަދުން ފެށިގެން އުވާލައި ކޮވިޑްގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އަލަށް އުފަންވާ ކުދިންނަށް އެ ކުދިންގެ މަންމަގެ އައިޑީކާޑު ބޭނުންކޮށްގެން ދެން އާސަންދަ ސްކީމުން ހިދުމަތް ލިބޭނީ ކުއްޖާ އަށް 28 ދުވަސް ވަންދެންނެވެ.

ކޮވިޑްގެ ދުވަސް ވަރު އާސަންދަ ކުންފުނިން ދިން ބައެއް އެހެން ލުއިތައް ވެސް އުވާލައި ކޮވިޑްގެ ކުރިން އަމަލުކުރަމުން ދިޔަ އުސޫލުތަކަށް އަމަލުކުރަން މިހާރު ވަނީ ފަށާފަ އެވެ.

ކޮވިޑްގެ ދުވަސްވަރު އާސަންދަ ކުންފުނިން ވަނީ އައިޑީކާޑު ގެއްލިފައިވާނަމަ ނޫނީ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް، ޑްރައިވިން ލައިސެންސް އަދި މުއްދަތު ހަމަވީ އައިޑީކާޑު ބޭނުންކޮށްގެން ހިދުމަތް ދީފަ އެވެ. އަދި ދިގު މުއްދަތަކަށް ބޭސްކާން ޖެހޭ މީހުންނަށް ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރު ބޭސް ނެގޭ ގޮތް ވެސް ކޮވިޑްގެ ދުވަސްވަރު ހަމަޖައްސައިދިނެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އެ އުސޫލު ވަނީ އުވާލާފަ އެވެ.