ފައިސަލް ނަސީމް

ޓީޗަރުންނާ ގުޅޭ ރިސާޗް ގުރޫޕްގެ ބޭފުޅުންނާ ނައިބްރައީސް ބައްދަލުކުރައްވައިފި

Nov 1, 2021
1

މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވައިލައްވާފައިވާ ރިސާޗް ގުރޫޕުގެ މެންބަރުންނާ ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.

ރައީސް ސޯލިހް އެކުލަވައިލެއްވި "ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރިސާޗް ގުރޫޕު" އަކީ އެކި ދާއިރާތައް ހިމެނޭގޮތުން ހަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގުރޫޕެކެވެ. އެގޮތުން ހިމެނެނީ އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިން، ހިއުމަން ރިސޯސަސް، ސޯޝިއޮލޮޖީ، ޓްރެއިނިން، ފައިނޭންސް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނެވެ.

މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި، ކުރިއަށް ދިއުމަށް ކުރިމަތިވެފައިވާ ދަތިތައް އިލްމީ ދިރާސާއެއްގެ އަލީގައި ދެނެގަތުމާއި، ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.

މިއަދުގެ ބައްދަލުވުމުގައި ނައިބް ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ސަރުކާރުން މުހިއްމު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް، އަދި ވަކިން ހާއްސަކޮށް މުދައްރިސުންނަށް، ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް އިލްމީ ނަޒަރިއްޔާތަކުން ދިރާސާއެއް ހެދުމަކީ މި ވަގުތަށް ނުހަނު މުހިއްމު ކަމެއް ކަމަށެވެ. ރީސާޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފައިސަލް ނަސީމު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިރާސީ އާ އަހަރަކާ ކުރިމަތިލާއިރު، ތައުލީމީ ދާއިރާއާއި މުދައްރިސުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބުން ކަމަށެވެ. އަދި ރިސާޗް ގުރޫޕުގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވި އެވެ.

ރިސާޗް ގުރޫޕްގައި ހިމެނޭ ބޭފުޅުން

  • ޑރ. އަހްމަދު އަލި މަނިކު (އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާ)
  • ޑރ. އަލީ ނަޖީބު (ހިޔުމަން ރިސޯސަސްގެ ދާއިރާ)
  • ޑރ. އާއިޝަތު ޝަފީނާ (ސޯޝިއޮލޮޖީގެ ދާއިރާ)
  • ޑރ. އާމިނަތު ޒުބައިރު (ޓްރެއިނިންގގެ ދާއިރާ)
  • ޑރ. އަބްދުﷲ ޒަކަރިއްޔާ (ފައިނޭންސްގެ ދާއިރާ)
  • ޑރ. އަބްދުﷲ ރަޝީދު (ތައުލީމީ ދާއިރާ)

ރިސާޗް ގުރޫޕުގެ ޗެއާއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޑރ. އަހްމަދު އަލި މަނިކެވެ. މިއަދުގެ ބައްދަލުވުމުގައި ނައިބް ރައީސްގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.