ބޮލީވުޑް

އައިޝްވަރިޔާގެ ހުރިހާ ވަގުތެއް އާރާދިޔާއަށް

މި އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހަކީ އައިޝްވަރިޔާ ރާއީގެ 48 ވަނަ އުފަން ދުވަހެވެ. އައިޝްވަރިޔާއަކީ ކިތަންމެ މަޝްހޫރު ބަތަލާއަކަށް ވިޔަސް އަދި އޭނާގެ ރީތި ކަމުގެ ވާހަކަ ދުނިޔޭގެ އެންމެން ދެއްކިޔަސް އައިޝްވަރިޔާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ އޭނާގެ ހަމައެކަނި ދަރިފުޅު އާރާދިޔާ އަށެވެ.

ގިނަ ސެލެބްރިޓީން އެމީހުންގެ ދަރިން ބަލަން ނޯކަރުންގެ ބޮޑު ފައުޖެއް ގެންގުޅުނަސް އައިޝްވަރިޔާ ބުނާ ގޮތުގައި އޭނާގެ ދަރިފުޅު ބަލާކަށް ނޯކަރުންތަކެއް ނުގެންގުޅެ އެވެ. ސަބަބަކީ އޭނާގެ ހުރިހާ ވަގުތެއް ދަރިފުޅަށްޓަކައި ހުސްކޮށްފައި ވާތީ މާ ގިނަ ނޯކަރުން ބޭނުން ނުވަނީ ކަމަށް އައިޝްވަރިޔާގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

"އަހަރެންގެ ދަރިފުޅު ބަލަން ނޯކަރުންގެ ފައުޖެއް ގެންގުޅޭނޭ ކިޔާފައި މީހުން ކޮމެންޓް ކޮށްފައި ހުންނާތީ ފެނޭ. ހަގީގަތުގައި އަހަރެންގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ އާރާދިޔާ އަށް. އަހަރެން ގެންގުޅެނީ އެންމެ ނެނީއެއް. އެއީ އަހަރެން އެގޮތަށް ބޭނުންވާތީ އާއި އާރާދިޔާގެ ހުރިހާ ކަމެއް ވެސް އަހަރެން އަމިއްލައަށް ކޮށްދޭން ބޭނުންވާތީ،" އައިޝްވަރިޔާ ބުނެފައި ވެއެވެ.

އާރާދިޔާ އުފަން ވެފައިވަނީ 2011 ގައެވެ. އެހެންކަމުން މިއަހަރު އޭނާއަށް 10 އަހަރު ފުރޭނެ އެވެ. އާރާދިޔާ ވިހެއުމަށް ފަހު 2015 އާ ހަމަޔަށް އައިޝްވަރިޔާ އެއްވެސް ފިލްމެއް ނުކުޅެ އެވެ. އަދި އޭގެ ފަހުން ބައެއް ފިލްމުތަކުގައި ބައިވެރިވިޔަސް އެ ފިލްމުތަކުގެ ޝޫޓިންގްތަކަށް ވެސް ދަނީ އާރާދިޔާ ސްކޫލަށް ދާ ވަގުތު ތަކުގަ އެވެ. ނޫނީ އޭނާގެ ޗުއްޓީ ދުވަސްތަކުގައި އޭނާ ގޮވައިގެން ސެޓަށް ގޮހެވެ.