"ހޭޓް ސްޓޯރީ" ސިލްސިލާގެ ތިންވަނަ ފިލްމު "ހޭޓް ސްޓޯރީ 3" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު، މިފިލްމަކީ މިފަހުން ނިކުތް ފިލްމެއްގެ ތެރެއިން ފާޑުކިޔާފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔާފައިވާ އެއް ފިލްމެވެ.
ކަރަން ސިންގް ގްރޯވަރާއި ޝަރްމަން ޖޯޝީގެ އިތުރުން ޑެއިޒީ ޝާހް އާއި ޒަރީން ޚާން މުހިންމު ރޯލުން ފެނިގެންދާ މިފިލްމަށް ފާޑުކިޔާފަރާތްތަކުން އިންތިހާއަށް ފާޑުކިޔާފައިވީ ނަމަވެސް ފިލްމުގެ ފެށުން އުންމީދުކުރި ގޮތާއި ހިލާފަށް ރަނގަޅެވެ.
އިންތިހާއަށް ގައިގޯޅި މަންޒަރުތައް އެކުލެވިގެންވާ މިފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައ ވަނީ މިފިލްމުގެ ފުރަތަމަ ދުވަހުގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށް ބުނެފަ އެވެ. އެގޮތުން ފުރަތަމަ ދުވަހު 9.27 ކްރޯޑް (927 މިލިއަން) ރުޕީޒް ލިބިފައިވާއިރު، ހަފްތާ ބަންދުގައި ފިލްމުގެ ހަރަދު ފޫބެދި ފައިދާވާނެ ކަމަށެވެ.
މިފިލްމު އުފައްދާފައިވަނީ 6.5 ކްރޯޑް (65 މިލިއަން9 ރުޕީޒްގެ ތާށި ބަޖެޓަކުންނެވެ. އަދި އިޝްތިހާރުކުރުމަށާއި ޕްރިންޓިންގް އަށް ވެސް 6.7 ކްރޯޑް (67 މިލިއަން) ރުޕީޒް ހަރަދުވެފައިވެ އެވެ.
ވިޝާލް ޕަންޑްޔާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ދެވަނަ ބަޔަށްވެސް ބެލުންތެިންގެ ފަރާތުން ލިބިގެން ދިޔަ ފަދަ ބޮޑު ތަރުހީބެއް ތިން ވަނަ ބަޔަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީން ލިބިގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
ފިލްމުގެ ވާހަކަ އެއްވެސް ވަރަކަށް ތާކުންކުރެ ތާކު ނުޖެހޭ ކަމަށް ފާޑުކިޔާފަރާތްތަކުން ބުނި ނަމަވެސް ކަރަން ސިންގް ގްރޯވަރުގެ އެކްޓިންއަށް ފާޑުކިޔާފަރާތްތަކުން ވަނީ ތައުރީފުކޮށްފަ އެވެ.
މިފިލްމުގެ ތަރިންނަކީ މާ މަޝްހޫރު ތަރިން ނޫންކަމުގައި ވީނަމަވެސް، ފުރަތަމަ ދުވަހު ލިބުނު ތަރުހީބުން ހަފްތާ ބަންދުގައި ފިލްމުގެ ވިޔަފާރި ރަނގަޅުވެ ފއިދާވާނެ ކަމަށް ލަފާކުރެވެ އެވެ.
ފިލްމުގެ އެއް ލީޑްތަރި ކަމަށްވާ ޝަރްމަން މީގެކުރިން ކޮމެޑީ ރޯލުތަކުން ފެނިގެން ގޮސްފައިވާއިރު، މިއީ އޭނާ މިކަހަލަ ބޯލްޑް ކެރެކްޓާއަކުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ "އެލޯން" އިން ބޮލީވުޑަށް ތައާރަފުވި ޓީވީ ތަރި ކަރަން ދެވަނަ އަށް ކުޅުނު ބޮލީވުޑް ފިލްމުވެސްމެ އެވެ.
މިހަފްތާގައި މިފިލްމާއި ވާދަކުރެވޭނެ ވަރުގެ ފިލްމެއް ރިލީޒްވެފައިނުވުމާއެކު ފިލްމުގައި ގައިގޯޅި މަންޒަރުތައް ގިނަކަން އެއީ ގިނަބަޔަކު މިފިލްމު ބަލަން ސިނަމާތަކަށް ވަންނާނެ ކަމަށް ލަފާކުރެވޭ އެއް ސަބަބެވެ.
"ހޭޓް ސްޓޯރީ 3"ގައި ފެނިގެންދަނީ ބަދަލުހިފުމުގެ ގޮތުން ކަރަން، ޝަރްމަންގެ އަންހެނުންނާއި ގާތްގުޅުމެއް ބާއްވަން ބޭނުންވުމުން އޭނާ އެކަމަށް ދެކޮޅު ހެދުމުން ޝަރްމަންގެ ވިޔަފާރި ބަނގުރޫޓުކުރުމަށް ކުރާ މަސައްކަތެވެ.
ގިނަފާޑުކިޔާ ފަރާތްތަކުން މިފިލްމަށް ފަސްތަރީގެ ތެރެއިން ދީފައިވަނީ އެންމެ ތަރި އެކެވެ. ނުވަތަ ބައި ތަރި އެވެ.