ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް މަރު ފަސް މިލިއަނުން މައްޗަށް

ދުނިޔޭގައި ހުރިހާ ބައްރެއް ޝާމިލްވާ ގޮތުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ފަސް މިލިއަން ފަހަނަ އަޅައިފި އެވެ. މިއީ ދެއަހަރަށް ވުރެ ކުރު މުއްދަތެއްގައި ކޮވިޑްގައި ދުނިޔެ ދޫކުރަން ޖެހުނު އަދަދު ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ހޯމަ ދުވަހު ވަނީ ބުނެފި އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޑޭޓާތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ފެތުރެން ފެށި ވައިރަހުގެ ސަބަބުން 246.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

އެމެރިކާގައި މިހާތަނަށް 46 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. އޭގެ ތެރެއިން 745،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ،

ކޮވިޑް ޖެހުނު އަދަދު ދެވަނައަށް އެންމެ ގިނައީ އިންޑިއާގަ އެވެ. އެއީ 34.2 މިލިއަނެވެ. ބްރެޒިލް ތިންވަނާގައި އޮތްއިރު 21.8 މިލިއަން މީހުންނަށް ވަނީ ބަލި އަރާފަ އެވެ.

ކޮވިޑް ޖެހިގެން ބްރެޒިލްއިން 607،824 މީހުން މަރުވެފައި ވާއިރު އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 458،437 އަށް އަރާފަ އެވެ.

ރަޝިއާއިން ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް ކޮވިޑް ޖެހިގެން ވަނީ މީހުން މަރުވެފަ އެވެ. މަރުވާ މީހުންގެ ރެކޯޑް ރެކޯޑް އަދަދަކަށް އިތުރު ވަމުން ދިއަ ނަމަވެސް 50 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފުރިހަމަ އަށް ވެކްސިން ދީފައިވާ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނެ އެވެ.