ކްރިމިނަލް ކޯޓް

އަލިމަނިކާއި ތަސްލީމް ޝަރީއަތް ނިމެންދެން ބަންދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ދައުވާ ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އަލިމަނިކާއި ތަސްލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ދައުލަތުގެ ފަރާތުން އެދިފައި ވަނީ އެމީހުންނަކީ ޖިނާއީ ބޮޑު ކުށެއްގައި ދައުވާކޮށްފައިވާ ބައެއް ކަމުންނާއި އެމީހުން ދޫކޮށްލައިފިނަމަ މުޖުމަތަމައަށް ނުރައްކާވާނެކަމުގެ އިހުތިމާލް އޮތުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ.

ދައުލަތުން މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ކުރިން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި ދެ މީހުންނަށް ވެސް ވަކީލަކު އައްޔަނުކުރުމަށް ފުރުސަތު ދިނެވެ. އެ ފުރުސަތުގައި މިއަދުގެ މަޖިލީހަށް ވަކީލަކާއިއެކު ކޯޓަށް ހާޒިރުވީ ތަސްލީމް އެކަންޏެވެ. އަލިމަނިކުގެ ފަރާތުން ވަކީލަކު އައްޔަނުކޮށްފައެއް ނުވެ އެވެ.

އަލިމަނިކު މިއަދުވެސް ބުނެފައި ވަނީ އޭނާއަށް ޝަރުތުތަކެއްކޮށްފައި ނަމަވެސް ލުޔެއް ދިނުމަށެވެ. އަދި ބަންދުގައި ހުރުމުގެ ސަބަބުން އެކަށީގެންވާ ވަރަށް ވަކީލަކު އައްޔަނުކުރުމަށް ފުރުސަތު ވެސް ނުލިބޭ ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ އޭނާ ބަންދުގައި ގިނަދުވަސްތަކެއް ވާންދެން އޮތުމުގެ ސަބަބުން އޭނާ އަށާއި އަދި އާއިލާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

ތަސްލީމްގެ ފަރާތުން ދިފާއީ ވަކީލް އަހުމަދު ޝާފިއު ވިދާޅުވެފައި ވަނީ ދައުލަތުން މި މައްސަލައިގައި ތަސްލީމްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޖިނާއީ ބޮޑު ކުށެއްްގެ ގޮތުގައި ދައުލަތުން މާނަކުރާ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެހެން މައްސަލައެއްގައި ކްރިމިނަލް ކޯޓުގެ އެހެން ގާޒީއަކު ޖިނާއީ މައްސަލަތަކުގައި ބޮޑެތި ކުށްތައް ކަނޑައަޅާނެ ގޮތްތަކެއް ކިޔައިދެއްވާފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން އަހުމަދު ނައުޝާދު ވިދާޅުވެފައި ވަނީ ތަސްލީމްގެ މައްޗަށް މިހާރުވެސް އައިއީޑީއެއް ގޮއްވައިލި މައްސަލައެއްގައި ދައުވާކޮށް ޝަރީއަތް ހިނގަމުންދާ ކަމަށެވެ. އަދި މިއީ ޖިނާއީ ބޮޑު ކުށެއްކަން ގާނޫނުން އެނގޭ ކަމަށާއި އެހެންކަމުން ތަސްލީމްގެ ވަށައިގެންވާ ކަންތައްތަކަށް ރިއާޔަތްކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ކަމަށެވެ.

ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ބަންދުކުރަން ގޮތެއް ކަނޑައަޅާއިރު ވަށައިގެންވާ ކަންތައްތަކަށް ބަލަންނުޖެހޭ ކަމަށާއި ހަމައެކަނި ބަލަން ޖެހޭނީ ތަސްލީމްގެ މައްޗަށް މިހާރު ކޮށްފައިވާ ދައުވާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އެކަނި ކަމަށެވެ.

ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު ގާޒީ އަލީ އާދަމް ވިދާޅުވީ މި މައްސަލައަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އަދި ދަށު ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ދަށު ކޯޓުގެ އެހެން މައްސަލައެއްގައި ރިއާޔަތްކުރުމަށް ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

ގާޒީ ވިދާޅުވީ މި ދެމީހުން މިވަގުތު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވުމުގެ އިހުތިމާލް އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން ދެ މީހުން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.