ކަނޑުމަތީގެ ހާދިސާ

ދޯންޏެއް ފަރަށް އަރައި، މީހަކަށް އަނިޔާވެއްޖެ

ވ. ރަކީދޫ ކަނޑުގެ އިރުމަތި ފަރާތު ފަރަށް ދޯންޏެއް އަރައި، ފަޅުވެރިއަކަށް އަނިޔާވެއްޖެ އެވެ.

ސިފައިންގެއިން ބުނީ ފަރަށް އެރީ ތ. އަތޮޅުން މާލެ ދަތުރުކުރަމުންދިޔަ "ކޮއި" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކަމަށެވެ. އެ ދޯނީގެ އިންޖީނު ހުއްޓުމުން އޮޔާގޮސް ރަކީދޫ ކަނޑުގެ އިރުމަތި ފަރާތު ފަރަށް ދޯނި އުރުނީ އެވެ.

މި ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:25 ހާއިރު އެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި އުޅުނު ދޯނީގެ ފަޅުވެރިއަކަށް އަނިޔާވި ކަމަށް ވެސް ސިފައިން ބުނެ އެވެ. އޭނާގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު މިއަދު ހެނދުނު 09:52 ހާއިރު ވަނީ ރަކީދޫއަށް ގެންގޮސްފަ އެވެ.

ދޯނި ފަރަށް އެރިއިރު ތިން ބިދޭސީންނާއި ދިވެއްސަކު އޭގައި ތިއްބެވެ. ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ސިފައިން ބުނެ އެވެ.