ޑރ. އަހުމަދު ޒިޔާދު ބާގިރު

ޒިޔާދަށް ކުރި ދައުވާ ސާބިތެއް ނުވި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދާއި ޒިޔާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ އުފުލާފައިވަނީ ޒިޔާދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލާގަ އެވެ. އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޒިޔާދުގެ ފަރާތްޕުޅުން ކޯޓުގައި ވަނީ ވިދާޅުވެފަ އެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ.

މި މައްސަލާގައި މިއަދު ހުކުމް އިއްވަވަމުން ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާބޮޑު އެއްޗެއް ނޭނގޭ ކަމަށް އެނގެން އޮތް ކަމަށެވެ. މި ޕްރޮޖެކްޓަކީ ރައީސް އޮފީހުން ހާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީއާ އީވައިސީ ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ޒިންމާ އަކީ ހަމައެކަނި އެ ފަރާތްތަކުން އަންގާ ގޮތަށް ޕްރޮޖެކްޓް ހިންގުން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމަކީ މިނިސްޓްރީގެ އެކި ލެވެލްގައި އަދި ފިނޭންސް މިނިސްޓްރީން އެޕްރޫވަލް ދިނުމުން ވެފައިވާ އެއްބަސްވުމެއް ކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ލެވެލްގައި ބެލުމަށްފަހު ވެވުނު އެއްބަސްވުމުގައި އެހެން މީހުންނަށް ނުފެނުނު ކުށެއް ޑރ. ޒިޔާދަށް އެކަނި ފެންނަން ޖެހުމަކީ އިންސާނެއްގެ ބުއްދިން ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުން ސޮއިކޮށްފައިވާ މި އެއްބަސްވުމަށް ގާނޫނީ ލަފާ ހޯދަން ޖެހުމަކީ އިސްލާމިކް މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށެވެ. އެ ޒިންމާ މަތިކުރެވިފައިވަނީ ފިނޭންސް މިނިސްޓަރީއަށް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ. ސަބަބަކީ ފިނޭންސް މިނިސްޓްރީގެ ހުއްދަ އާއި ނުލައި އެއްބަސްވުން ވުޖޫދަށް ނުގެނެވޭނެތީ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ދައުލަތުން ބުނި ނަމަވެސް ދައުލަތަށް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ މިސަރުކާރުގަ އެވެ. އެކަމާ ގުޅިގެން އެސްޖޭ އިން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.