ޖޭއެސްސީ

ގާޒީ ހަސަން ސައީދުގެ ތިންވަނަ މައްސަލައެއް ބަލަނީ

Nov 2, 2021
1

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ އިތުރު މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން ބުނީ ގާޒީ ހަސަން ސައީދާ ގުޅޭގޮތުން ބަލަނީ ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއްގައި އަމަލުކުރެއްވި ގޮތަކާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރައާތުގެ ގަވައިދުގައިވާ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް ގާޒީ ހަސަން ސައީދު އަމަލުކުރެއްވި ކަމަށް ހުށަހެޅިފައިވާ މައްސަލާގައި ބުނެފައިވާތީ އެ މައްސަލަ ތަހުގީގުކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީގެ "މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީ" އިން އެ މައްސަލަ ބެލުމަށް ނިންމީ މިއަދު ނިންމާފައިވާތީ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީ މިއަދު ބަލަން ނިންމީ ހަސަން ސައީދާ ގުޅޭ މައްސަލައަކީ ސީލައިފްގެ އެމްޑީ އަހްމަދު މޫސާ ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލަ އެވެ.

ހަސަން ސައީދާ ގުޅޭ އިތުރު ދެ މައްސަލައެއް ޖޭއެސްސީން މިހާރުވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރުކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދިން މައްސަލައާއި އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ އަކަަށް ހުންނެވި ދުވަސްވަރު، 2018 ވަނަ އަހަރުގެ ތެރޭގައި ފެމިލީ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެކެވެ.

ގާޒީ ހަސަން ސައީދުގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން ދިޔަ ނަމަވެސް މިހާރު ބަލަމުންދާ މައްސަލަތަކާ ގުޅިގެން އަދި އޭނާ ސަސްޕެންޑް ކޮށްފައެއް ނުވެ އެވެ.

ހަސަން ސައީދު ފެމިލީ ކޯޓުގައި ހުންނެވި ދުވަސްވަރު އެ ކޯޓުގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޖޭއެސްސީން ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ދެ އަހަރާއި ފަސް މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

ހަސަން ސައީދު ފެމިލީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުކުރީ ވެސް ޖޭއެސްސީން އޭނާގެ މައްސަލައެއް ކުރިން ބެލުމަށްފަހު ނަސޭހަތް ދީފަ އެވެ.