ވޯލްޑް ބޭންކް

ވޯލްޑް ބޭންކުގެ އިސް ވަފްދުގެ ބޭފުޅުން ފުރައިފި

Nov 2, 2021
1

ވޯލްޑް ބޭންކުގެ އިސް ވަފްދެއް ރާއްޖެ އަށް ކުރި ރަސްމީ ދަތުރު ނިންމާލުމަށްފަހު ފުރައިފި އެވެ.

ވަފްދުގައި އިސްކޮށް ހުންނެވީ ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައިވާ ނައިބް ރައީސް ހާޓްވިގް ޝޭފަ އެވެ. ވަފްދުގައި ހިމެނޭ އިތުރު ބޭފުޅުންނަކީ ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުގެ ޑީން ޑރ. މެރްޒާ ހަސަނާއި، ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ހެކްޓާ ގޯމޭޒް އެންގް އަދި ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޯސް އެވެ.

ވަފްދުގެ ބޭފުޅުން ވަނީ ރާއްޖޭގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ކަމާ ގުޅޭ ދާއިރާތަކުގެ މާހިރުންނާއި ޒުވާން ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. ވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވި ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

ވޯލްޑް ބޭންކުގެ ވަފްދުގެ ބޭފުޅުން ބޭއްވި ބައްދަލުވުންތަކުގައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށާއި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި ޑިޖިޓަލް ތަރައްގީއަށް މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވި އެވެ.

ކޮވިޑް 19އާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި އިގްތިސާދު ހަރުދަނާކުރުމަށާއި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުރިއަށް ދިއުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވޯލްޑް ބޭންކުން ވަނީ ދީފަ އެވެ.

ވޯލްޑް ބޭންކަކީ ރާއްޖޭގެ ތަރައްގީގައި ޒަމާންވީ ބައިވެރިއެއް ކަމާއި ވޯލްޑް ބޭންކުން ރާއްޖެއަށް މުހިއްމު އެހީތަކެއް އަބަދުވެސް ފޯރުކޮށްދޭ ކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައިވެ އެވެ.