ޕީޕީއެމް

ގައުމު އަނބުރާ ހޯދަން ނުކުންނަށް އިދިކޮޅުން ގޮވާލައިފި

ރާއްޖޭގެ އިސްތިގުލާލު ގެއްލި ބޭރު ބައެއްގެ އުނގަށް ވެއްޓިފައިވާ ކަމަށާއި އަދި ގައުމު އަނބުރާ ހޯދަން ނުކުންނަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދިވެހީންނަށް އިލްތިމާސްކޮށްފި އެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އިދިކޮޅުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަދު ރާއްޖޭގެ އިސްތިގުލާލު ނަގާލަން މަސައްކަތް ކުރަނީ ނޮވެމްބަރު ތިނެއްގައި ރާއްޖެ ހިފަން އުޅުނު ގޮތަކަށް ނޫން ކަމަށެވެ. އަދި މިއަދު މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވާނެ އެތައް ކަމަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހަރު މުދާ ވިއްކުމާއި އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން އެއްބަސްވުންތައް ވަމުންދާ ކަމަށެވެ. އަދި އެ ދަންތުރަތަކާއެކު އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހިތަށްވެސް ގެންނާން ނޭނގޭ ފަދަ ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

"އެކަންކަމުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި ބޭރު ބައެއްގެ އުނގަށް ގައުމު ވަނީ ވެއްޓި ހުސްވެފައެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓާ ދަމަހައްޓާ، އަންނަން އޮތް ޖީލާ ހަމައަށް ޤައުމު ވާސިލުކޮށްދިނުމަށް 1988 ނޮވެމްބަރު 3 ވަނަ ދުވަހު ގުރުބާންވީ ފަދަ ޙުސައިން އާދަމްއަކަށް، އެދުވަހު ގައުމީ ރޫޙުގައި ނުކުތް ދިވެހި ސިފައިން ފަދަ ގައުމީ ލޭ ހިނގާ ދިވެހި ދަރީން ތަކަކަށް ގައުމު ވަނީ ބޭނުންވެފައެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އިދިކޮޅުން އިތުރަށް ބުނީ މިހާރުން މިހާރަށް ދިވެހި ރައްޔިތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ ދިވެހި ގައުމު ދިވެހީންނަށް އަތުވުމަކީ ދެން ނާދިރުކަމެއް ކަަމަަށެވެ.

"އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނޭ! ވިސްނާ ފިކުރުކޮށް ގައުމު އަނބުރާ ހޯދުމަށް ނުކުންނަވާށެވެ. އަންނަން އޮތް ޖީލަށް މިގައުމު މިޤައުމުގެ ގޮތުގައި ވާސިލުކޮށްދިނުމަށް އަތުކުރި އޮޅާލާށެވެ. މީގެ ކުރީގެ ޖީލުތަކުން މިޖީލާއި ހަމައަށް މިގައުމު ގެނެސްދިން ގޮތަށް އަންނާން އޮތް ޖީލަށް ގައުމު ވާސިލުކޮށްދިނުމަށް އަޒުމް ކަނޑަ އަޅުއްވާށެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.