ބޮލީވުޑް

ދިޕިކާ ހޮލީވުޑް ތަރި ވިން ޑީސެލްއާ އެއް ފިލްމެއްގައި

Dec 7, 2015

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން އަށް މިދިޔަ އަހަރު ވަނީ ހޮލީވުޑްގެ ފިލްމު "ފާސްޓް އެންޑް ފިއުރިއަސް 7" ކުޅުމަށް ފުރުސަތު ލިބި، ބޮލީވުޑްގައި ކުޅެން ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ސަބަބުން އެފިލްމަށް ނޫނެކޭ ބުނެފަ އެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ދިޕިކާ ވަރަށް އަވަހަށް ހޮލީވުޑްގެ ފިލްމަކުން ފެނިގެންދާނެ އެވެ،

މިވާހަކަތައް ފެތުރެން ފަށާފައިވަނީ އިއްޔެ ދިޕިކާގެ ފޭސްބުކް ޕޭޖްގައި އާންމުކުރި ފޮޓޯއަކާއި ގުޅިގެންނެވެ.

އެގޮތުން "ފާސްޓް އެންޑް ފިއުރިއަސް 7" ދިޕިކާ ނުކުޅުނަމަވެސް އޭނާ ކުޅޭ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމުގައި ފެނިގެންދާނީ "ފާސްޓް އެންޑް ފިއުރިއަސް"ގެ ތަރި ވިން ޑީސެލް އާއެކު "އެކްސް އެކްސް އެކްސް" ސިލްސިލާގެ ފިލްމަކުން ކަމަށްވެ އެވެ.

ދިޕިކާގެ ޕޭޖުގައި އާންމުކޮށްފައިވާ ފޮޓޯގައި އޭނާ، ކެމެރާއަށް ފުރަގަސްދީގެން އިންނަ ވިން ޑީސެލްގެ ގައިގައި ބައްދައިގެން ހުންނައިރު ފޮޓޯގެ ފަހަތުން "އެކްސް އެކްސް އެކްސް"ގެ ޕޯސްޓަރެއް ފެންނަން ހުރެ އެވެ.

އިތުރަށް ދިޕިކާ ވަނީ އޭނާގެ ފޮޓޯގައި ވެން ޑީސެލްގެ ނަން ޓެގް ވެސް ކޮށްފަ އެވެ.

ބުނެވޭ ގޮތުގައި ދިޕިކާ ފެނިގެންދާނީ މިސިލްސިލާގެ މުޅިން އާފިލްމު ކަމަށްވާ "އެކްސް އެކްސް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް ރިޓާންސް" އިންނެވެ. ދިޕިކާ މިފިލްމުގެ ރޯލެއް ކުޅުމަށް އޮޑިޝަންދީފައިވާ ކަމަށްވާއިރު، އެރޯލު މިހާރު އޭނާއަށް ލިބިފައިވާ ކަމަށްވެސް ބައެއް ނޫސްތަކުގައިވެ އެވެ.

މީގެއިތުރުން ވެސް ދިޕިކާގެ މެނޭޖަރު އޭނާގެ އަމިއްލަ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ވަނީ ދިޕިކާ އާއި ޑީސެލްގެ ފޮޓޯ އާންމުކޮށް ދިޕިކާއަށް މަރުހަބާ ކިޔާފަ އެވެ.

ދިޕިކާގެ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ދިޕިކާ ވަނީ އޭނާގެ އެންމެފަހުން ނިކުތް ފިލްމު "ތަމާޝާ" ޕްރޮމޯޓްކުރުމަށް ބޭއްވި ޕާޓީ ނިންމާލުމަށްފަހު، ޑީސެލް އާއި ބައްދަލުކުރުމަށް އެމެރިކާ އަށް ގޮސްފަ އެވެ.

މިފަހުން ދިޕިކާ ވަނީ ހޮލީވުޑްގެ ފިލްމުތަކުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލަން ބޭނުންވާ ކަމަށާއި އެގޮތުން އޭނާ ހޮލީވުޑް ފިލްމުކުޅެން ތައްޔާރުކަމަށް ބުނެފަ އެވެ.

ބޮލީވުޑް ފަތަހަ ކުރި ގޮތަށް ހޮލީވުޑްގައި ވެސް އޭނާގެ ޖާދޫ ދައްކާލުމަށް ދިޕިކާ ތައްޔާރުވަމުން އަންނައިރު، ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މިހާރު ކުޅެމުން އަންނަ އެމެރިކަން ޓީވީ ސީރީޒް "ކުއަންޓިކޯ" އިން ވަނީ އޭނާހެ މަގުބޫލުކަން އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ.