އުނގޫފާރު

އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހިވެސް އެމްޓީސީސީއަށް

Nov 4, 2021

ރ. އނގޫފާރުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ޒީނިޔާ އަހްމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެއް އަހަރު ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރީ 21.7 މިލިއަން ރުފިޔާ އަށެވެ.

ދެވަނަ ފިޔަވަހީގެ ދަށުން އާ މަގުތަކެއްގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ ފުރަތަމަ ފިޔަވަހީގައި 16,488 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، އޭބީސީ ފަަށަލަ އެޅުމުގެ އިތުރަށް ސަބްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށާއި އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި ކުރަންޖެހޭ މަސައްކަތްތަކުގެ 90 ޕަސަންޓަށް ވުރެ ބޮޑު ބައި ނިންމާފައިވައިރު އެ މަޝްރޫއުގެ އަގަކީ 28.02 މިލިއަން ރުފިޔާ އެވެ.