މާލޭ ސިޓީގައި އާންމު ތަންތާންގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް އެކަން ހުއްދަކުރެވޭ ހާއްސަ ޖާގަތަކެއް އެކަށައެޅުމާމެދު މާލޭ ސިޓީ ރަށްވެހިންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން މިރޭ ބުނީ ސިއްހަތު ސަލާމަތުން ބެހެއްޓުމަކީ ކޮންމެ އިންސާނަކަށް ލިބިގެންވާ ހައްގެއް ކަމުން ސިއްހަތު ފަސާދަކުރުވަނިވި ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށް ދުޅަހެޔޮކަމުގައި ދެމިހުރުމުގެ އިންސާނީ ހައްގު ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.
އަދި ޒަމާނީ ސައިންސުގެ އިލްމުން ދައްކާ ގޮތުގައި ދުންފަތާއި ދުންފަތުގެ އިސްތިއުމާލުކުރުމުން އަރާ ވިހަ ދުމުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާތެރިކުރުވާ ބަލިތައް ޖެހޭއިރު އާންމު ތަންތާންގަ އާއި މަސައްކަތުގެ މާހައުލުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުން ދުންފަތާއި އޭގެ ނުސީދާ ދުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހޭ މިންވަރާއި މީހުން މަރުވާ މިންވަރު މަދުކުރެވިފައިވާ ކަމަށެވެ. ވީހާވެސް ގިނަ އާއްމު ތަންތާންގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް ގަވާއިދުތައް ރަނގަޅަށް ތަންފީޒު ކުރުމުން ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް އެކަން ހުއްޓާލުމަށް ހިތްވަރު ލިބެގެންދާނެ ކަމަށްވެސް ބުންޏެވެ.
އެހެން ކަމުން ދުންފަތުގެ ވިހަ ދުމުން ސަލާމަތްވެ ދުންފަތުގެ އިސްތިއުމާލުނުކުރާ އަދި ކުރާ އެއްމެނަށް ވެސް މަގުތަކާއި އާންމު ތަންތާންގައި ރައްކާތެރިކަމާއި އެކުގައި ހަރަކާތްތެރިވެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ކަނޑައެޅިފައިވާ ވަކިވަކި ޖާގަތަކުގައި މެނުވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވޭނެ ކަަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"މިދެންނެވި މަގްސަދު ހާސިލްކުރުމްއްޓަކާއި މާލޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ސާފުކޮށް އެނގެން ހުންނާނެ ގޮތަށް މަނާކަން އަންގައިދޭ ބޯޑު ހަރުކުރެވޭނެއެވެ. އަދި އެކި ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަކުރެވޭ ތަންތަން ކަނޑައަޅައި ފާހަގަކުރެވޭނެއެވެ،"
ސިޓީ ކައުންސިލުން ބުނީ މި ސާވޭގެ ބޭނުމަކީ މާލޭ ސިޓީގައި އާންމު ހުރިހާ ތަންތާންގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް އެކަން ހުއްދަކުރެވޭ ހާއްސަ ޖާގަތަކެއް އެކަށައެޅުމާމެދު މާލޭ ސިޓީ ރަށްވެހިންގެ ހިޔާލު ހޯދުން ކަމަށެވެ. ސާވޭގެ ބައިވެރިންނަކީ ކާކުކަން އެއްވެސް މީހަކަށް ނުފެންނާނެ ކަމަށާ އެ މީހަކު ދޭ ޖަވާބުތައްވެސް ސިއްރު ކުރެވޭނެ ކަމަށެވެ.