ލައިފްސްޓައިލް

ފަގީރުންނަށް ޚާއްސަ އެއް ރުޕީސްގެ ހެދުން ފިހާރަ

އިންޑިޔާގެ ބެންގަލޫރޫގައި ދާދިފަހުން ހުޅުވި ފިހާރައަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މިއީ އަންނައުނު ގަނެވޭނެ ފަދަ ތަނަވަސްކަން ނެތް މީހުންނަށް އަގުހެޔޮކޮށް އަންނައުނު ވިއްކާ ފިހާރަ އެކެވެ.

އިމޭޖިން ކްލޯތުސް ބެންކްގެ ނަން ދީފައިވާ އިނިޝިއޭޓިވް އަކުން ހުޅުވި މި ވިޔަފާރި އަކީ ކޮލެޖުގައި އެކުގައި ކިޔެވި ހަތަރު އެކުވެރިއެއްގެ ޚިޔާލެކެވެ.

މެލީޝާ ނޮރޮންހާ އާއި ފިރިމީހާ ވިނޯދު ލޯބޯ، މެލީޝާގެ މަންމަ ގްލޭޑީޒް އާއި އިތުރު ދެ އެކުވެރިން ކަމަށްވާ ނިތިން ކުމާރާއި ވިގްނޭޝް މި ޓްރަސްޓް އުފެއްދީ 2013 ގައެވެ.

އެމީހުން އޭރު ޓްރަސްޓް ގާއިމުކުރީ ނިކަމެތި ފަގީރުން ބޭސް ފަރުވާ އަށާއި ދަރިންނަށް ތައުލީމު ހޯދައިދޭން ސަލާން ޖަހާ ތަން ފެނިގެންނެވެ. ނަމަވެސް މި ޓްރަސްޓުން ފިހާރައެއް ހުޅުވައި ނިކަމެތިންނަށް އަގުހެޔޮކޮށް އަންނައުނު ލިބޭނެ އިންތިޒާމް ހަމަޖައްސަން މި މީހުން ނިންމީ ކޮރޯނާވައިރަހުގެ ޕެންޑެމިކް ތެރޭގައި ނިކަމެތިން އިތުރަށް ނިކަމެތިވެ ހާލުގައި ޖެހުނުތަން ފެނުމުންނެވެ.

"ހާލުގައި އުޅޭ މީހުން ފެނުމުން އަހަރެމެންނަށް ގަބޫލު ކުރެވުނު ކޮންމެވެސް ކަމެއް މި މީހުންނަށް ކޮށްދޭން އެބަ ޖެހޭ ކަމަށް. އެންމެ ފަގީރު އާއިލާ ތަކުން ވެސް އަހަރަކު ގާތްގަނޑަކަށް 2000 ރުޕީސް އަންނައުނަށް ޚަރަދު ކުރޭ. އެހެންވެ އެމީހުންގެ މި ޚަރަދުން ބޮޑު ބައެއް ސަލާމަތް ކޮށްދިނުމުގެ ގޮތުން މި ފަދަ ފިހާރައެއް ހުޅުވަން ޚިޔާލުކުރީ،" މެލީޝާ ބުންޏެވެ.

މި ފިހާރަ 2021ގެ ސެޕްޓެމްބަރު މަހު ހުޅުވާފައިވާއިރު ވަރަށް ބޮޑު ތަރުހީބެއް މިތަނަށް ދަނީ ލިބެމުންނެވެ.

ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައި ހަދާފައިވާ މި ފިހާރައިގައި ވިއްކަނީ ބެންގަލޫރުގެ މި ސަރަހައްދުގައި ހުރި 30 ވަރަކަށް އެޕާޓްމަންޓުގެ މީހުން ހަދިޔާކުރާ އަންނައުނެވެ.

މިތަނުން ސާޅި، ފަޓުލޫނު، ހަރުވާޅު، ގަމީސް، ޖެކެޓް ފަދަ ހުރިހާ ވައްތަރެއްގެ އަންނައުނެއް ވެސް ލިބެ އެވެ. އަދި ފިހާރައަށް ހަދިޔާކުރާ އަންނައުނު އެކި އުމުރު ފުރާ ވަކިކޮށް ތަރުތީބުކޮށް ފިހާރައިގައި އަތުރަން ދެ މުވައްޒަފުން ތިބެއެވެ.

މި ފިހާރައިން ލިބޭ ބައެއް އަންނައުނަކީ މުޅިން އާ އެއްޗިއްސެވެ. ދެ ތިން ފަހަރަކު ލާފައި ހުރިނަމަވެސް ވަރަށް އާ ވައްތަރު ޖަހާ އަންނައުނުވެސް ބައިވަރެވެ.

މި ފިހާރައިން އެއް ރުޕީސް އަށް ކޮންމެ އަންނައުނެއް ވެސް ގަނެވެ އެވެ. އަދި އެމީހަކު ބޭނުން އެއްޗެއް ޚިޔާރުކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ. އަދި މި ފިހާރައިން ލިބޭ ފައިސާ ޚަރަދުކުރަނީ ނިކަމެތި ފަގީރުންގެ ތައުލީމާއި ބޭސް ފަރުވާ އަށެވެ.

މި ޓްރަސްޓްގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ވިނޯދް އާއި ނިތިން ވަނީ ބެންގަލޫރޫގައި ހުންނަ ކޮލެޖުގައި އެކުގައި ކިޔެވި ދުވަސްވަރު ވެސް މިފަދަ ކްލޯތު ބޭންކެއް ހުޅުވައި ނިކަމެތިންނަށް އަންނައުނު ހަދިޔާ ކުރުމުގެ ކަންތައްތަކެއް ކޮށްފަ އެވެ. އެއީ މީގެ 18 އަހަރު ކުރިން އެމީހުން ކުރި މަސައްކަތެއް ނަމަވެސް ޕެންޑެމިކްއާ ގުޅިގެން އަނެއްކާވެސް މިފަދަ ކަމެއް ކުރަން އެމީހުން ނިންމީ އެވެ.

މި ފިހާރައަށް ހަފުތާއަކު 150 ވަރަކަށް އާއިލާއިން ޒިޔާރަތްކުރެ އެވެ. އަދި މި ފިހާރަ ހުޅުވިފަހުން މިވީ އެންމެ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 560 އާއިލާއަކަށް އަންނައުނުގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް މެލީޝާ ބުންޏެވެ.

ފިހާރަައަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް އެއް ރުޕީސް އަށް އަންނައުނެއްގެ މަގުން ގިނަވެގެން 10 އަންނައުނު ގަނެވެ އެވެ. އަދި އަންނައުނު ހަދިޔާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލެވިފައި ވެއެވެ.