ރާއްޖެ ކުޅިވަރު

ސުކުޒީ ކަޕަށް އިންޑިޔާއިން 40 ކުޅުންތެރިން ސްކޮޑެއް، ބުދަ ދުވަހު ޕްރެކްޓިސް ފަށަނީ

މި މަހު ފަހުކޮޅު އިންޑިޔާގައި ފަށާ ސާފް ސުކުޒީ ކަޕް ފުޓްބޯޅަ މުބާރާތަށް އިންޑިޔާއިން 40 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފި އެވެ.

ކޯޗު ސްޓެފަން ކޮންސްޓެންޓައިން ނެގި ސްކޮޑުން ވަނީ 19 އަހަރުން ދަށުގެ އެކަޑަމީގެ ދެ ކުޅުންތެރިއަކާއި އިންޑިޔާ ލީގުގައި ނުކުޅޭ ތިން ކުޅުންތެރިއަކަށް ވެސް ފުރުސަތު ދީފަ އެވެ. މި ކުޅުންތެރިންނާއެކު ޓީމު ޕްރެކްޓިސް ފަށާނީ އަންނަ ބުދަ ދުވަހު އެވެ.

"އަހަރެން އޯލް އިންޑިއާ ފުޓްބޯޅަ ފެޑަރޭޝަނަށް ޝުކުރު އަދާކުރަން. އެއީ އަހަރެން ބޭނުންވި މުއްދަތަށް ކޭމްޕް ކުރެވޭނެގޮތްވުމުން. 12 ނުވަތަ 14 ދުވަސް މުބާރާތަށް ތައްޔާރުވާން ލިބުމުން އެއީ ވަރަށް ރަނގަޅު ވަރެއް،" ކޯޗު ބުންޏެވެ.

ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް އިންޑިޔާގެ ޓްރިވެންޑަރަމުގައި ބާއްވާ މުބާރާތުގައި އިންޑިޔާ ހިމެނެނީ ނޭޕާލާއި ސްރީލަންކާއެކު ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ޕާކިސްތާން ހިމެނުނު ނަމަވެސް އެ ގައުމު ވަނީ މުބާރާތުން އަމިއްލަ އަށް ވަކިވެފަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއި ދިވެހިރާއްޖެ އަދި ބަނގްލަދޭޝް އާއި ބޫޓާނެވެ.

މުބާރާތުގެ ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.