މީރު މޭވާއެއް ފެނިއްޖެނަމަ ކޮންމެހެން ވެސް ގަންނަން ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް ޖަޕާނުގައި ހައްދާ މި ވައްތަރުގެ މޭވާ ގަނެވޭނީ ވަރަށް މަދު މީހަކަށެވެ. ސަބަބަކީ މި މޭވާގެ އަގު ބޮޑުކަމުންނެވެ.
ޖަޕާނުގެ ހައްދައިގެން ވިއްކާ ޔުބާރީ "ކިންގް މެލޮން" އަކީ އަގު ބޮޑު ވުމުގެ އިތުރުން އެހާ ފަސޭހައިން ގަންނަން ލިބޭ އެއްޗެއް ވެސް ނޫނެވެ.
ބަލާބެލުމަށް މި މެލޮން ވެސް ހީވާނީ ހަމަ އާދައިގެ މެލޮން އެއް ހެނެވެ. ނަމަވެސް ޖަޕާނުގައި ހައްދާ މި ބާވަތުގެ މޭވާ އެ ގައުމުން ވެސް ގަންނަން ލިބެނީ މަދު ފިހާރައަކުންނެވެ. ސަބަބަކީ މިއީ ޖަޕާނުގެ ވެސް ހުރިހާ ރީޖަން އެއްގައި ހެއްދޭ އެއްޗަކަށް ނުވާތީ އެވެ.
ޔުބާރީ ކިންގް މެލަން ހައްދަނީ ހަމައެކަނި ހޮކައިޑޯ ޕްރިފެކްޗާގަ އެވެ. މީގެ ދެ މެލޮން 2015 ގައި ވިއްކާފައި ވަނީ 42،450 ޔޫއެސް ޑޮލަރަށެވެ. މި މެލޮންގެ އެންމެ ކިލޯއެއްގެ އަގު އުޅެނީ 26،900 ޔޫއެސް ޑޮލަރަށް ވުރެ މަތީގަ އެވެ.
މީގެ އެންމެ މެލޮން އަށް ވިއްކާ އަގުގައި އާދައިގެ އަގެއްގެ ކާރެއް ގަނެވިދާނެ އެވެ. އަދި ރަނުގެ އަގު ބޮޑު ގަހަނާއެއް ވެސް ގަނެވިދާނެ އެވެ. އެހާވެސް މި މެލޮން އަގު ބޮޑެވެ. ނަމަވެސް ޖަޕާނުގެ އެންމެ ބޮޑެތި މަހުޖަނުން މި މެލޮން ގަންނަން ވަރަށް ބޮޑަށް ޝައުގުވެރިވާތީ މިހާ އަގު ބޮޑުއިރު ވެސް މީގެ ޑިމާންޑް ވަރަށް ބޮޑެވެ.
މި މެލޮންގެ އަގު އެހާ ބޮޑީ ޔުބާރީ ރީޖަންގައި ހުންނަ ގްރީންހައުސްތަކުގެ ތެރޭގައި ވަރަށް ޚާއްސަ ގޮތަކަށް މި ތަކެތި އިންދާ ހައްދާތީ އެވެ.