ކުޅުދުއްފުށި ސިޓީއަށް އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށް، އެ ހިދުމަތް އިފްތިހާހްކޮށްފި އެވެ.
ކުޅުދުއްފުށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ބައެއް އިސްވެރިންނާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ ވަކި ރަށެއް ސަރަހައްދުތަކަކަށް ބައިކޮށް އެއިން ކޮންމެ ބަޔަކަށް ފުލުހުންގެ އޮފިސަރަކު ހަމަޖައްސައި، އެ ބައެއްގެ މައްސަލަތައް ދުވަހުން ދުވަހަށް އެ އޮފިސަރަކު ބަލައި ހޯދަންޖެހޭ ގޮތަށް ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ނިޒާމެކެވެ.
ފުލުހުންގެ އިދާރާ އިން ދެކޭ ގޮތުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ، ހިދުމަތް ދިނުމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުން އިސްކޮށް ރައްޔިތުންނާ ގާތުން ޖަވާބުދާރީވުން މައިގަނޑު އަސާސެއްގެ ގޮތުގައި ބެލެވިގެން ފޯރުކޮށްދެވޭ ހިދުމަތްދިނުމުގެ ނިޒާމެކެވެ.
ކޮމިޝަނާ ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައާ އޮންނަ ގުޅުން ދެމެހެއްޓުމަށް ފުލުހުންނަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމަށެވެ. އެހެންވެ ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނާ ހަމީދު ވަނީ އަވަށްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުނުކަން ފާހަގަކުރައްވާ ހާއްސަ ހަނދާނީ ފިލައެއް ކުޅުދުއްފުށި ސިޓީ ކައުންސިލާ ހަވާލުކުރައްވާފަ އެވެ. ކައުންސިލްގެ ފަރާތުން ފިލައާ ހަވާލުވެވަޑައިގަތީ މޭޔަރު މުހައްމަދު އާތިފް އެވެ.
މިރަސްމިއްޔާތުގައި މޭޔަރު ދެއްކެވި ވާހަކަފުޅުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތާއި އެކު ކުޅުދުއްފުށްޓަކީ ކުރިއަށް ވުރެ އަމާން ރައްކާތެރި އަދި ހިތްފަސޭހަ ސިޓީއަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.