ކުޅުދުއްފުށި ސިޓީ

އެއްވެސް ގޮތެއް އޮއްވާ ފުލް ލޮކްޑައުނަކަށް ކުޅުދުއްފުށި ނުދާނެ

ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ނަމަވެސް ފުލް ލޮކްޑައުން އަކަށް ދާނީ ކޮވިޑް ކޮންޓްރޯލް ކުރަން އެ ނޫން އެއްވެސް ގޮތެއް ނެތިއްޖެ ހާލަތެއްގައި ކަމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާތިފް ވިދާޅުވީ ކުޅުދުއްފުށްޓަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއަކަށް ވެފައި، އުތުރުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ހިދުމަތް ހޯދާ ސިޓީ އަކަށްވާތީ ކުޅުދުއްފުށި ފުލް ލޮކްޑައުން އަކަށް ގޮސް އެއްކޮށް ބަންދު ކޮށްލުމަކީ ވަރަށް ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"އަނެއްކާ ކުޅުދުއްފުށްޓަކީ އިގްތިސޯދީ ވަރަށް ގިނަ މަސައްކަތްތައް ހިނގާ ސިޓީ އަކަށްވާތީ ފުލް ލޮކްޑައުން އަކަށް ގޮސްފިނަމަ އެތައް ބަޔަކަށް ލިބޭނެ މާލީ ގެއްލުންތަކެއް ވެސް ހުންނާނެ. ވީމާ އިތުރު އެއްވެސް ގޮތެއް އޮއްވާ ފުލް ލޮކްޑައުން އަކަށް ދާގޮތަކަށް ނޫން އަދި ވިސްނުން މިހުރީ،" އާތިފް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ކުރިން ކުޅުދުއްފުށިން ފެނުނު ކޭސްތަކަށްވުރެ މިފަހަރު ފެނިދާނެ ކޭސްތައް ގިނަވެދާނެ ކަމަށް ކައުންސިލަށް ގަބޫލު ކުރެވޭ ކަމަށެވެ. އެކަމަކު ކޮވިޑް ކޭސްތައް ފެނިފައި ވަނީ އެއް ސަރަހައްދަކުން ކަމަށްވާތީ ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ކޮވިޑްގެ އަލާމާތްތައް ހުރި ކަމަށް ޝައްކު ކުރެވިގެން ކުޅުދުއްފުށި ފުލޫ ކުލިނިކަށް ދެއްކި އުމުރުން 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާ ގުޅިގެން ކުޅުދުއްފުށި މޮނިޓަރިންއަށް ގެންގޮސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ކުޑަކުއްޖާ އަށް ފަހު އިތުރު ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮވިޑް ކޮންޓްރޯލް ކުރަން ކުޅުދުއްފުށީގައި މިހާރު ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގުމާއި، މާސްކް އަޅަން މަޖުބޫރު ކުރުމާއި، ކުޅުދުއްފުށްޓަށް އަރާ ފައިބާ މީހުން މޮނިޓަކުރުމަށް ބަނދަރު ސަރަހައްދުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކުރުން ހިމެނެ އެވެ.

އާތިފް ވިދާޅުވި ގޮތުގައި ކުޅުދުއްފުށި މޮނިޓަރިން އަށް ގެންގޮސްފައިވާތީ ރަށުން ބޭރު އެއްވެސް މީހަކަށް އެ ސިޓީ އަށް އެރޭނީ ޒަރޫރީ ބޭނުމެއްގައި އެކަންޏެވެ. ޑޮކްޓަރަށް ދައްކަން އެހެން ރަށަކުން އެއްވެސް ބޭފުޅަކު ކުޅުދުއްފުށްޓަށް ޒިޔާރަތް ކުރާނަމަ އެ ބޭފުޅަކު ހުންނެވި ރަށެއްގެ ޑޮކްޓަރެއްގެ އަތުން ކަމާ ގުޅޭ ލިޔުމެއް ހޯއްދަވައިގެން ނޫނީ މިދުވަސްކޮޅު ކުޅުދުއްފުށްޓަށް ދަތުރު ނުކުރެއްވުމަށްވެސް މޭޔަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ހދ. އަތޮޅާ ހަވާލުވެ ހުންނެވި ފުލުހުންގެ ކޮމާންޑަރު އަވަސް އަށް ވިދާޅުވީ ކުޅުދުއްފުށީގައި ކޮވިޑް ކޮންޓްރޯލް ކުރަން މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އަށް މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ގިނަ މީހުން ޖޫރިމަނާކޮށްފައިވަނީ މާސްކް ނާޅާ އުޅުމުންނެވެ. ކާފިއު ގަޑީގައި ހުއްދަ ނެތި ބޭރުގައި އުޅުނު މީހަކު ވެސް ޖޫރިމަނާކޮށްފައިވެ އެވެ.

ކުޅުދުއްފުށިން މިއަދުގެ މިހާތަނަށް ވަނީ އަލަށް ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެހެންކަމުން މިވަގުތު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 24 ކޭސް އެވެ.