ޕީޕީއެމް

އިދިކޮޅުގެ ހިނގާލުން ހުކުރު ދުވަހު

Nov 6, 2021

މިނިވަންކަމުގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބާއްވަން މަސައްކަތް ކުރަމުންދާ ހިނގާލުން އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މި ހިނގާލުން ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ އިއްޔެ ހަވީރު އެވެ. އެކަމަކު މޫސުން ގޯސްވުމާ ގުޅިގެން އިއްޔެގެ ހިނގާލުން ފަސްކުރީ އެވެ.

ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ ހުކުރު ދުވަހު "މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ ހިނގާލުމުގައި ބައިވެރިވެވެން ތިބި ހުރިހާ އެންމެންވެސް ބައިވެރިވުމަށް އެދޭ ކަމަށެވެ. ހާއްސަކޮށް މާލެއާއި ގާތުގައި މީހުން ދިރިއުޅޭ ރަށްރަށުގެ މީހުން މާލެ އައިސް ހިނގާލުމުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މުހައްމަދު ވިދާޅުވީ މިނިވަންކަމުގެ ހިނގާލުން އިންތިޒާމު ކުރަނީ ޕީޕީއެމުން ކަމަށްވީ ނަމަވެސް އެ ހިނގާލުމުގައި ވީހާވެސް ގިނަ މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތައް ބައިވެރިވުމަށް އެދޭ ކަމަށެވެ. މިނިވަންކަމުގެ ހިނގާލުމަކީ ގައުމީ ކަމެއް ކަމަށް ފާހަގަކުރައްވާ މުހައްމަދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ އެތަައް ކަމެއް މިސަރުކާރުން ކުރަމުންދާ ކަމަށެވެ. އެހެންވެ އެކަމާ ދެކޮޅަަށް ގައުމުގެ ހައްގުގައި ތެދުވުމަކީ ހުރިހާ ރައްޔިތުން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ސުލްހަވެރިކަމާ އެކު ކުރިއަށްދާނެ ހަރަކާތެއް. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިވުމަށް،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ހަރަކާތުގެ ކޮމިޓީގެ ޑެޕިއުޓީ ޗެއާ އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ އޭނާ ނިސްބަތްވާ އައްޑޫގައި ހަދާފައިވާ ޕޮލިސް ޓްރެއިނިން ސްކޫލުގެ މައްޗަށް އިންޑިއާ ސިފައިން އަތްގަދަކޮށްގެން ތިބި ތިބުން ނިމުކަށް ގެނެސް އެތަން އައްޑޫ ރައްޔިތުންނަށް ހޯދައިދެއްވާނެ ކަމަށެވެ.

"އެކަމަކު އެކަން ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބިގެން،" ޝާހިދު ވިދާޅުވި އެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މިނިވަންކަމުގެ ދިފާއުގައި ކުރަމުންދާ މަސައްކަތުގައި އެއްވެސް ގައުމަކާ އެކު އެ ބޭފުޅުން "ޑީލް" ނުހައްދަވާނެ ކަމަށާއި އެފަދަ ޑީލްތައް ހެއްދެވުމަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރު ނޫން ކަމަށެވެ. ހުކުރު ދުވަހުގެ ހިނގާލުމަކީ ފުލުހުންގެ ހުއްދަ ލިބިގެން ހުއްދަ ދީފައިވާ މަގުތަކުގައި އެކަނި ކުރިއަށް ގެންދާނެ ހިނގާލުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ގެންދަނީ މާލެއާއި އަތޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.