އެމްޓީސީސީ

ޕިކްނިކް އައިލެންޑްގެ އަމަލީ މަސައްކަތް ފަށަނީ

Nov 6, 2021
1

ކ. ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ސެޕްޓެމްބަރު އެއްވަނަ ދުވަހު އެވެ.

ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މަޝްރޫއު ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑް ހެދުމަށްޓަކައި ބޭނުންވާ ތަކެތި އެ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެ ސަރަހައްދުގައި ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެކަމަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން ރައީސް ސޯލިހްގެ ވައުދު ފުއްދަވައިދެއްވުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މ މަޝްރޫއުގެ ދަށުން އަށް ހެކްޓަރުގެ ބިން ހިއްކުމަށް ފަހު 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެ އެވެ.

ކުޑަގިރި ބިން ހިއްކަން ތައްޔާރުވަމުން މިދަނީ ފަޅު ހިއްކުމާ މެދު އާންމުންގެ ހިޔާލު ހުރި ގޮތް ބެލުމަށް މަސައްކަތް ވެސް ކުރުމަށްފަހު އެވެ.

ޕިކްނިކް އައިލެންޑް މަޝްރޫއުގައި ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑްބޭންކް ގޮތަށް ހެދިގެންދާނެ 1.5 ހެކްޓަރުގެ ރަށެކެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. އެއީ މިހާރުވެސް ގިނަ ބިން ހިއްކުމުގެ މަޝްރޫއު ތަކަށް ވެލި ނަގަމުންދާ ސަަރަހައްދެކެވެ. މި ޕްރޮޖެކްޓަށް ޖުމުލަ 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ އެވެ.