މިނިވަން 50 ގެ ރިޔާސީ ޖާފަތް ނިއުޕޯޓަށް ދިން މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފްގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ފޮނުވާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ މިއަދު ނިންމަވައިފި އެވެ.
އެ މައްސަލައިގައި މުންދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށުގަ އެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުންދުގެ މައްޗަށް ދައުވާ ނުކުރަން ނިންމީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި އޭސީސީ އިން ލިބިފައި ނުވާތީ ކަމަށެވެ. އެ މައްސަލަ އޭސީސީ އިން ޕީޖީއަށް ފޮނުވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އޭސީސީ އިން ބުނެފައި ވަނީ ނިއުޕޯޓަކީ އެފަދަ ޖާފަތެއް ތައްޔާރުކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތް ބަޔަކަށް ވާއިރު އެ މީހުން ގާބިލްކަމަށް ވެސް ނުބަލާ އެ ޕްރޮޖެކްޓް އެފަރާތާ ހަވާލުކުރަން މުންދު އަންގާފައި ވަނީ، ރައީސް ވިދާޅުވެގެން ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށެވެ. އަދި އެއީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާނެ ގޮތަކަށް އަމަލު ކުރުން ކަމަށް އޭސީސީގެ ތަހުގީގުގައި ވަނީ ނިންމައިފަ އެވެ.
އޭސީސީގެ ތަހުގީގުން ފާހަގަކުރެވުނު ކަންކަން:
- ނިއުޕޯޓަށް ޖާފަތް ހަވާލުކުރީ ތަޖުރިބާ އާއި ގާބިލްކަމަށް ނުބަލާ
- އެ ރެސްޓޯރަންޓުން އެވަރުގެ ޖާފަތެއް ތައްޔާރުކޮށްފައެއް ނެތް
- ރަސްމީ ޖާފަތް 3.7 މިލިއަން އަށް ނިއުޕޯޓަށް ދިނީ ސީދާ މުންދު އަންގަވައިގެން
- ޖާފަތް ނިއުޕޯޓާއި ހަވާލުކުރަން ކޯޑިނޭޝަން ކޮމިޓީއިން ނިންމާފައިވާކަން އެނގޭކަށް ނެތް
- ކޭޓަރިންގައި ނުހިމެނޭ ބައެއް ހަރަދުތަކަށް އިސާ ދައްކަން އެއްބަސްވެފައިވޭ.
ޖުލައި 26 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތަށް 800 އެއްހައި މީހުންނަށް ދައުވަތު ދިން އިރު، ރާއްޖެއިން ބޭރުގެ ބޮޑެތި އިއްޒަތްތެރިން ވެސް ވަނީ ޖާފަތުގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.