ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބާއި ޒިޔަތަށް ދައުވާ އުފުލައިފި

Dec 6, 2015
  • އާ ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ ފުރަތަމަ ދައުވާ
  • އަދީބަށް ރަސްމީ ހައިސިއްޔަތު ނުހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
  • ޒިޔަތަށް ހިޔާނާތްތެރިވުމުގެ ދައުވާ

އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި، މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާ ކުރަން ޕީޖީގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. މިއީ އާ ގާނޫނުލް އުގޫބާތުގެ ދަށުން ވެއްދި ފުރަތަމަ މައްސަލަ އެވެ.

ޕީޖީ އޮފީހުގެ އޮފިސަލަކު ވިދާޅުވީ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ މާލެ އަތޮޅުން ފަޅެއް ބަޔަކަށް ދޫކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކަމަށެވެ. އަދި ޒިޔަތުގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ދައުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެ ދެ މައްސަލަ ވެސް ފޮނުވީ މިއަދު އެވެ

އެމްއެމްޕީއާރުސީ އިން 100 އަށް ވުރެ ގިނަ ރަށް ދޫކޮސް އޭގެ ތެރެއިން ވަރަށް މަދު ރަށަކުން ލިބުނު ފައިސާ ނޫން ދެން ބާކީ ހުރި ފައިސާއަށް ވީނުވީ ނޭނގިގެން އެ މައްސަލަ އަންނަނީ ފުލުހުންނާއި އޭސީސީ ގުޅިގެން ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ހާމަވެފައިވެ އެވެ.

އެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލައިގައި އަދީބުގެ ބޮޑު ބޭބެ، ހާމިދު އިސްމާއިލް ހާމިދު ސޭޓް ވެސް ހައްޔަރުކޮށް އަންނަނީ ތަހުގީގު ކުރަމުންނެވެ. ހާމިދުގެ މައްޗަށް ކުރާ ތުހުމަތަކީ އެމްއެމްޕީއާރުސީ އިން ބައެއް ރަށްތައް ދޫކޮށްގެން ނެގި ފައިސާ އިން ބައެއް އޭނާގެ ބޮޑު ހިއްސާ އެއް ހުންނަ ކުންފުނިތަކަށް ޖަމާކުރުމާއި އެ ފައިސާ މަނީ ލޯންޑަ ކުރުމުގައި ބޭނުން ކުރުމެވެ.