އިޒްރޭލުން ފޭރިގެންފައި އޮތް އިރުމަތީ ގުދުސްގައި ފަލަސްތީނު ރައްޔިތުންނަށް ހިދުމަތް ކުރުމަށް އެމެރިކާގެ ކޮންސިއުލޭޓެއް އަލުން ހުޅުވަން އިސްރާއީލުން ދެކޮޅު ހެދުމުން ފަލަސްތީނުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފި އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓް ވިދާޅުވީ ގުދުސްގައި ފަލަސްތީނު މީހުންނަށް ހިދުމަތް ކުރުމަށް އެމެރިކާގެ ކޮންސިއުލޭޓެއް ހަދާނެ ތަނެއް ނެތް ކަމަށެވެ.
ގުދުސްގައި ކުރިން ހުރިި އެމެރިކާ ކޮންސިއުލޭޓް ބަންދުކުރީ ޑޮނަލްޑް ޓްރަމްޕް ވެރިކަމުގަ އެވެ. އޭނާ ވަނީ ރިއާސި އަމުރަކުން އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމުގައި ހައްދަވާފަ އެވެ. އަދި އެމެރިކާ ކޮންސިއުލޭޓް އެމެރިކާ އެމްބަސީގައި ހުންނަ މޭޒަކަށް ބަދަލުކުރައްވާފަ އެވެ.
އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން ވަޑައިގެން މަސައްކަތްކުރައްވަނީ ގުދުސްގައި ފަލަސްތީން މީހުންނަށް ކޮންސިއުލޭޓެއް ހުޅުވައި ދެއްވުމަށެވެ. އެހެން ނަމަވެސް މިއީ އިޒްރޭލު މީހުން ވަރަށް ބިރުގަންނަ ކަމެކެވެ.
ބެނެޓްގެ މި ވާހަކަފުޅަކީ ޖޯ ބައިޑަންގެ ސަރުކާރަށް އޮތް އިމްތިހާނެއް ކަމަށް ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ބަޔަނުގައި އަދި އެމެރިކާއަށް ގޮވާލާފައި ވަނީ އެމެރިކާގެ ކޮންސިއުލޭޓް ގުދުސްގައި އަލުން ހުޅުވުމާ މެދު އެމެރިކާގެ ސަރުކާރުން ގެންގުޅޭ ވިސްނުން ކުރިއަށް ގެންދެވުމަށެވެ.
އިޒްރޭލު ސަރުކާރާ މެދު ބައިނަލްއަގްވާމީ މުޖުތަމައުން ހަރުދަނާ ސިޔާސަތެއް އެކުލަވާލަން ޖެހިފައި އޮތް ކަމަށް ވެސް ފަލަސްތީނުން ބުނެ އެވެ. މިއީ އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ވެސް ވަނީ ބުނެފަ އެވެ.