ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ލަންކާއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފަށާ މި މުބާރާތް ފެށުމުގެ ގޮތުން މާދަމާ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.

ރައީސް ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.