ބޮލީވުޑް

ސަލްމާންގެ "ސުލްތާން" ގައި ޕަރިނީތީއެއް ނޫޅޭ

Dec 7, 2015

ސުޕަސްޓާ ސަލްމާން ޚާން މިހާރު ޔާޝް ރާޖް ބެނާސްގެ ދަށުން ކުޅެމުން އަންނަ ފިލްމު "ސުލްތާން"ގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ފަށާފައިވާއިރު، މިފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ ތަރިއެއް އަދިވެސް ހަމައެއް ނުޖެހެ އެވެ.

މިފިލްމުގެ ބަތަލާގެ ރޯލު ގިނަތަރިންނަށް ހުށަހެޅި ނަމަވެސް އެހެން ފިލްމުތައް ކުޅެން ޖެހުމުން، މިފިލްމަށް ދޭން ވަގުތު ނެތް ކަމަށް ބުނެ ވަނީ ހުށަހެޅުން ދޫކޮށްލާފަ އެވެ.

ބަތަލާއަކާ ނުލައި މިފިލްމުގެ ޝޫޓިން ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަބަޔަކު ބުނެފައިވާއިރު، މިފިލްމުގެ ބަތަލާގެ ރޯލުކުޅުމަށް މީގެކުރިން ވެސް ހުށަހަޅާފައިވާ ޕަރިނީތީ ޗޯޕްޅާ އަލުން މިރޯލު ކުޅެން މިހާރު އެއްބަސްވެފައިވާ ކަމުގެ ހަބަރުތަކެއް މިވަނީ ފެތުރިފަ އެވެ.

މިދިޔަ އަހަރު ނިކުތް "ކިލް ދިލް" އަށް ޕަރިނީތީގެ ފިލްމެއް ރިލީޒްވެފައިނުވާއިރު، މިފިލްމުގެ ބަތަލާގެ ރޯލު ކުޅެން އޭނާ އަށް ހުށަހަޅާފައިވާ ކަމުގެ އަޑު ދެވަނަ ފަހަރަށް އެރުމުން ޕަރިނީތީ ވަނީ އެކަން އަނެއްކާވެސް ދޮގުކޮށްފަ އެވެ.

ޕަރިނީތީ ކުރި ޓްވީޓެއްގައި ވަނީ އޭނާ "ސުލްތާން" ނުކުޅޭ ކަމަށާއި މީހުން ދައްކަމުން އަންނަ ތާކުންކުރެ ތާކު ނުޖެހޭ ވާހަތައް ގަބޫލުނުކުރުމަށެވެ. އަދި އޭނާ ފިލްމެއް ކުޅެން އެއްބަސްވުމުން އެކަން ހުދު އޭނާ އިއުލާންކުރާނެ ކަމަށް ވެސް ޕަރިނީތީ ވަނީ ބުނެފަ އެވެ.

މިފިލްމުގެ ބަތަލާގެ ރޯލުކުޅުމަށް އަނުޝްކާ ޝަރްމާ އާއި ދިޕިކާ ޕަދުކޯންގެ އިތުރުން ކަންގަނާ ރަނާވަތު އަށް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް މިތިން ތަރިންގެ ތެރެއިން އަނުޝްކާ އާއި ކަންގަނާ ވަނީ އިތުރު ފިލްމުތަކަށް ވަގުތު ދޭން ޖެހޭ ކަމަށް ބުނެ، މިފިލްމުގެ ހުށަހެޅުން ދޫކޮށްލާފަ އެވެ. އަދި ދިޕިކާ ސަލްމާނާއެކު ފިލްމެއް ކުޅެން ހުށަހަޅާފައިނުވާ ކަމަށް ބުނެފައިވާއިރު، ފިލްމުގެ ބަތަލާގެ ރޯލުކުޅެން ހުށަހަޅާފައިވާ ކަން ވެސް ނުވަތަ ނޫންކަމަށްވެސް ޕަރިނީތީ ބުނެފައެއް ނުވެ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމުގައި ސަލްމާން ފެނިގެންދާނީ ރެސްލިންތަޅާ މީހެއްގެ ރޯލުންނެވެ. މިރޯލަށް ފިޓްވުމުގެ ގޮތުން ސަލްމާން ބަރުދަން އިތުރުކޮށް ގަައިގެ މަސްތައް ވަރުގަދަކުރުމަށް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ބުނެވޭ ގޮތުގައި ފިލްމު އުފައްދާ ފަރާތުން އަންނަނީ މިފިްލމުގެ ބަތަލާގެ ރޯލަށް ދެތަރިން ހޯދަމުންނެވެ. އޭގެތެރެއިން ދެވަނަ ބަތަލާއަކަށް ހޯދަނީ މުޅިން އާ މޫނެކެވެ.

އަންނަ އަހަރުގެ ފިތުރު އީދާއި ދިމާކޮށް ރިލީޒްކުރާ ގޮތަށް މިފިލްމު އުފައްދަމުން އަންނައިރު، އާމިރް ޚާން ވެސް ރެސްލިންތަޅާ މީހެއްގެ ރޯލުން ފެނިގެންދާ "ޑަންގާލް" އަންނައަހަރުގެ ފަހުކޮޅު ރިލީޒްކުރާނެ އެވެ.

ގިނަބަޔަކު މިހާރު އިންތިޒާކުރަމުން ދަނީ ސަލްމާނާއެކު މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ތަރިއެއް ބެލުމަށެވެ.