ރިޕޯޓް

ކޮންމެ ކަމަކަށް އިނާޔަތް ދިނުން! މިއީ ގޮތެއް ނޫން

Dec 7, 2015
2
  • ސަބްސިޑީތަކުގެ 80 ޕަސެންޓް ހައްގުނުވާ މީހުންނަށް
  • ކަންނެތް އިގްތިސާދެއް ވަނީ އުފެދިފައި
  • ސިނާއަތްތައް ސަބްސިޓީ އިން މިންޖުވާން ޖެހޭ

ދާދި މިދާކަށް ދުވަހު ދަރުބާރު ގޭގައި ބޭއްވި، "އިކޮނޮމިކް ޑައިލޮގް ވިތް ޕްރެސިޑެންޓް"ގައި ވަރަށް ހައިރާން ކުރުވަނިވި ވާހަކައެއް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވާ ގޮތުން އެމަނިކުފާނު ގަބޫލު ކުރައްވަނީ ރާއްޖޭގެ އިގްތިސާދުގައި އޮތް މުއްސަދިންނާއި ދެން ތިބި ރައްޔިތުންގެ ތަފާތު ބޮޑުވުމަކީ ރާއްޖޭގެ އިގްތިސާދަށް މިވަގުތު އޮތް ގޮންޖެހުމެއް ނޫން ކަމަށެވެ. ސަބަބަކަށް ވިދާޅުވީ، އާންމު ރައްޔިތުންގެ އަސާސީ ކަންކަމަށް ރާއްޖޭގައި ދޭ ސޯޝަލް އިނާޔަތްތައް ނޫނީ ސަބްސިޑީތައް އިންތިހާއަށް ބޮޑުވެ، އެ އެހެން އިގްތިސާދުތަކުގައި ނިކުންނަ ގޮތަށް އެ މައްސަލައަށް ޖާގައެއް ނެތް ކަމަށެވެ.

އިގްތިސާދީ ވިސްނުމަކުން މިނެ ކިރާ ނަމަ ރައީސްގެ އެ ޖަސްޓިފިކޭޝަންގައި މާބޮޑު މައްސަލައެއް އޮތް ކަމަކަށް ނުފެނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާމްދަނީ ފަރަގު ކުޑަކުރުމަށް، ގެންގުޅޭ އެއް އުކުޅަކީ ވެސް ސަބްސިޑީ ދީގެން އެ ފަރަގު ވީހާވެސް ކުޑަކުރުމެވެ. އެކަން ގިނަ ފަހަރަށް ކުރަނީ ވެސް، ވިޔަފާރިތަކުން ނަގާ ޓެކްސްތައް ކުޑަކޮށް މައްޗަށް ޖައްސާލައިގެންނެވެ. އެކަމަކު ކުރިމަތިވާ ބޮޑު ސުވާލަކީ މިހިރަ ސަބްސިޑީތައް ރާއްޖެއަށް ހެޔޮވަރު ހެއްޔެވެ؟ ދުރުވިސްނުމަކުން މި ސަބްސިޑީތަކުން ނެރެވޭނީ ކޮން ނަތީޖާއެއް ހެއްޔެވެ؟

ކޮންމެ ކަމަކަށް އެލަވަންސެއް

ރާއްޖޭގެ ހުރިހާ އަސާސީ ހިދުމަތެއް މި އޮތީ ސޯޝަލް އިނާޔަތްތަކުން ގާތްގަނޑަކަށް ހިލޭ ކޮށްދީފަ އެވެ. ނޫނީ އެ ހިދުމަތެއް ހޯދަން މާ ބޮޑު ތަކްލީފެއް އުފުލަން ނުޖެހޭ ވަރަށް ކޮންމެ އަސާސީ ހިދުމަތެއް އަގު ހެޔޮ ކުރަން ކޮންމެވެސް ނަމެއްގައި ސަބްސިޑީއެއް އޮންނާނެ އެވެ. މިސާލަކަށް ސިއްހީ ދާއިރާއަށް ބަލާ ނަމަ ބޭސް ފަރުވާއަށް ދާ ހަރަދުގެ ގާތްގަނޑަކަށް 50 ޕަސެންޓް ހިލޭވެ އެވެ. އެ ހިދުމަތް ހޯދަން ދައްކަން ޖެހޭ ސީދާ އަގެއް ވެސް ނެތެވެ. ޕްރައިމަރީ ސްކޫލުން ފެށިގެން ގޮސް އޯލެވެލްއާ ހަމަޔަށް ސަރުކާރުގެ ސްކޫލްތަކުގައި ކިޔެވެނީ މުޅިން ހިލެ އެވެ. ޓެކްސްފޮތްތަކާއި އޯލެވެލް އިމްތިހާނުގެ ފީވެސް ސަރުކާރުން ދައްކަދެ އެވެ. ކަރަންޓް ބިލަށް ސަބްސިޑީދެ އެވެ. ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޭ އިރު، އޭގެ އަގު ވެސް ހުންނަނީ ކޮންޓްރޯލްކޮށްފަ އެވެ. މި ލިސްޓު އަދި ނިމެން އަންނަނީ، އެކަނިވެރި މައިންނަށް ސަރުކާރުން ދޭ އެލަވަންސާއި 65 އަހަރުވުމުން ދޭ 5،000ރ. އެލަވަންސް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސުންނެވެ.

މީގެ އިތުރަށް މަސްވެރިކަމާއި ދަނޑުވެރި ކަމަށް ވެސް ސަރުކާރުން އަންނަނީ އެކި ނަންނަމުގައި ސަބްސިޑީ ދޫކުރަމުންނެވެ.

މިހާ ވަރަށް ސޯޝަލް އެލަވަންސްތައް ގިނަ ގައުމެއް ވަރަށް މަދުވެދާނެ އެވެ. އަންނަ އަހަރުގެ ބަޖެޓްގައި ވެސް ސޯޝަލް އެލަވަންސް ތަކަށް ޖުމްލަ، 2.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ ޖުމްލަ ބަޖެޓްގެ ގާތްގަނޑަކަށް އަށް ޕަސެންޓެވެ. ހަގީގަތުގައި ރާއްޖށގެ ބަޖެޓްގެ ނިސްބަތުން މިއީ އެފަދަ ކަމަކަށް ވަރަށް ބޮޑު މިންވަރެކެވެ. 

ސޯޝަލް އެލެވަންސްތަކުގެ ތަފްސީލް؛

  • ކާބޯތަކެތި އަގުހެޔޮ ކުރަން 223 މިލިއަން ރުފިޔާ
  • ފަގީރުންނަށް ދޭ އެހީއަށް 18.6 މިލިއަން ރުފިޔާ
  • އާންމުންނަށް އެހީގެ ގޮތުގައި 145.9 މިލިއަން ރުފިޔާ
  • ކަރަންޓް ސަބްސިޑީ އަށް 400 މިލިއަން ރުފިޔާ
  • އެކަނިވެރި މައިންނަށް 78.4 މިލިއަން ރުފިޔާ
  • މަސްވެރިންނަށް ދެ މިލިއަން ރުފިޔާ
  • ދަނޑުވެރިންނަށް 40 މިލިއަން ރުފިޔާ
  • އާސަންދަ ސްކީމަށް 847 މިލިއަން ރުފިޔާ
  • ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 168 މިލިއަން ރުފިޔާ

މިހާ ބޮޑު އަދަދަކުން ރާއްޖޭގެ ހުރިހާ އަސާސީ ހިދުމަތަކަށް ސަބްސިޑީ ދެމުން އަންނަ އިރުވެސް އޭގެ ފައިދާ ހަގީގަތުގައި ކުރާ މިންވަރާ މެދު މި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. ބައެއް ސަބްސިޑީތަކުގެ ސަބަބުން އަސްލު އިގްތިސާދަށް ނޫނީ އާންމު ރައްޔިތުންނަށް ކުރާ ފައިދާ ވެސް ގިނަ ފަހަރަށް އޮންނަނީ ވަރަށް ބޮޑުތަން ކުޑަވެފަ އެވެ. ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ ބޮޑެތި ސަބްސިޑީތައް ދޭ ގައުމެކެވެ.

ސަބްސިޑީ ދޭ ގޮތް ބަދަލު ކުރަން ޖެހޭ

މީގެ އަހަރެއްހާ ދުވަސް ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ރާއްޖޭގެ އިގްތިސާދު ރިވިއުކޮށް ބަޖެޓަށް ވެސް ރަނގަޅު އޮޕީނިއަން ތަނެއް ދިނެވެ. ހާއްސަކޮށް ސަރުކާރުގެ ހަރަދު ކުޑަކުރަން ޖެހޭކަން ފާހަގަ ކުރަމުން އެކަމަށް އެންމެ ބޮޑަށް ފޯކަސް ކުރަން ޖެހެނީ ސަބްސިޑީތައް އޭގެ އެންމެ ބޭނުން ޖެހިފައިވާ މީހާޔަށް ދިނުމަށް ކަމަށް އޭރު އައިއެމްއެފުން ފާހަގަކޮށްފައިވެ އެވެ. ކަރަންޓް ސަބްސިޑީ ދޭ ގޮތާ މެދު ވަރަށް ބޮޑަށް އޭރު ފާޑުކިޔެވެ. އެ ސަބްސިޑީ އެންމެ މުއްސަދި މީހާ ވެސް ހިމެނޭ ގޮތަށް އެންމެނަށް ވެސް އެ ސބްސިޑީ ލިބުމަކީ މައްސަލައެކެވެ. އޭގެ ބަދަލުގައި ސަބްސިޑީތައް ބޭނުން ޖެހިފައި ތިބޭ މީހުންނަށް ދިނުމަށް އެދުނެވެ. 

"ބްލޭންކެޓްކޮށް ދޭ ސަބްސިޑީތަކުގެ ސަބަބުން އޭގެން ފައިދާއެއް މާ ބޮޑު ނުކުރޭ. އޭގެ ބަދަލުގައި ބޭނުން ޖެހިފަިއވާ މީހުންނަށް ސަބްސިޑީ ލިބޭނެ ނިޒާމެއް ތައާރަފް ކުރަން ޖެހޭ. ސަބްސިޑީ ހައްގު ނުވާ އެތައް ބަޔަކަށް ސަބްސިޑީ ލިބި، އެކަމުގެ ސަބަބުން މުއްސަދިންނާއި ފަގީރުންގެ ނިސްބަތް ކުޑަކުރަން ކުރެވޭ މަސައްކަތްތަށް ހުރަސް އެޅޭ،" ވޯލްޑް ބޭންކްގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ.

ބައެއް ސަބްސިޑީތައް ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ މިހާރު ވެސް ފިޔަވަޅު އަޅައިފަ އެވެ. މިސާލަކަށް ކަރަންޓް ސަބްސިޑީ ވެސް މިހާރު ދެނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ވިޔަފާރިތަކަށް ދެމުން އައި ކަރަންޓް ސަބްސިޑީ އެކީ އުނިކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެ ހަރަދުން 40 ޕަސެންޓް ސަލާމަތް ކުރެވޭ ކަމަށް އެންސްޕާއިން ހާމަކޮށްފައިވެ އެވެ.

މިވަރަކުން އަދި ނިމުނީކީ ނޫނެވެ. ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީ އަށް ކޮންމެ އަހަރަކުހެން ބަޖެޓުން ތިން މިލިއަން ރުފިޔާ ދޭ އިރު، ރާއްޖެ އެތެރެ ކުރާ ކާޑުގެ ބޮޑުބައެއް ރިސޯޓްތަކުގައި ބޭނުން ކުރެ އެވެ. އެކަމަކު އަގު ހެޔޮ ކާޑުގެ ބާވަތްތައް ބޭނުން ކުރާ އިރު އެއީ އެ ސަބްސިޑީ ބެހިގެން ދާން ހައްގު ބައެއް ހެއްޔެވެ؟ ކޮންމެ ބާވަތެއްގެ ކިލޯއަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން އެސްޓީއޯ އަށް 10 ރުފިޔާ އާއި14 ރުފިޔާ އާ ދޭތެރޭ އަގެއް ދައްކަ އެވެ.

"ކާޑުގެ ސަބްސިޑީ ދޭނީ ފައިސާއިން ތޯ ނުވަތަ އެކަމަށް ހާއްސަ ކާޑެއް ގެންގުޅޭނީ ތޯ، މި ހުންނަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ގެންގުޅޭ އުސޫލްތައް. މިކަހަލަ ވަރަށް ގިނަ ފޯމިއުލޯތައް އެބަހުރި. އަޅުގަނޑުމެން އެކަންކަން ދިރާސާކޮށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާނަން،" އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވެފައިވެ އެވެ.

އެހެން ވީމާ މިއީ ވެސް ހައްގުވެރިންނަށް ޓާގެޓްކޮށްގެން ދެވޭ ސަބްސިޑީއަކަށް ނުވެ އެވެ. އާސަންދަ ސްކީމުން ވެސް އެންމެ މުއްސަދި މީހާއަށް ވެސް ހިލޭ ނޫނީ ކުޑައަގެއް ދައްކައިގެން ބޭސް ކުރެވެ އެވެ. އެކަމަކު އެއީ އަދި އިންސާފެއް ހެއްޔެވެ؟ އެ ސްކީމުން ގާތްގަނޑަކަށް އަހަރަކު އެއް ބިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރަން ޖެހެ އެވެ. އާސަންދަ ސްކީމަކީ ވެސް މުއްސަދިންނަށް ވެސް ލިބޭ އެއްޗެއް ގޮތަށް އޮންނަ ނަމަ މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު، އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ ބަޖެޓްގައި ހިމެނިފައިވާ ސަބްސިޑީގެ ފައިސާގެ ތެރެއިން، ސަބްސިޑީ ކޮންމެހެން ލިބެންޖެހޭ މީހުންނަށް ލިބެނީ ސަބްސިޑީ ފައިސާގެ އެންމެ 15 ޕަސެންޓެވެ. އަނެއް85 ޕަސެންޓް ފައިސާ ލިބެނީ، ކޮންމެހެން ސަބްސިޑީގެ އެހީތެރިކަން ލިބެންޖެހޭ މީހުންނަށް ނޫން ކަމަށް މިނިސްޓަރު އެއްބަސްވެލައްވަ އެވެ.

"މިއީ ރާއްޖެ ފަދަ އިގްތިސާދީ ވަސީލަތްތައް މަދު ގައުމަކުން އުފުލަމުންދާ ވަރަށް ބޮޑު މާލީ ބުރައެއް. އެއް އަހަރު ނިމި އަނެއް އަހަރުގެ ބަޖެޓަކާ ކުރިމަތިލާ އިރު އަޅުގަނޑުމެން އެބަ ޖެހޭ މިއަށް ގޮތްތަކެއް ހަމަޖައްސަން" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މި އުފެދެނީ ނުބައި ސަގާފަތެއް

އިގްތިސާދީ ވިސްނުމުގެ ބޭފުޅުން ސަބްސިޑީތަކާ ދެކޮޅަށް އަޑުއުފުލަނީ އޭގެ ސަބަބުން ނިކުންނަން އިގްތިސާދީ ބޮޑެތި މައްސަލަތައް ގިނަވެ، އޮޅުންބޮޅުން ވާތީ އެވެ. މީގެ ސަބަބުން ސޯޝަލް މައްސަލަތަކެއްގެ ތެރެއަށް އިގްތިސާދު ވެއްޓޭތީ އެވެ. ކަންނެތް އިގްތިސާދެއް އުފެދޭތީ އެވެ. ރާއްޖޭގެ އެންމެ މުއްސަދި މީހާ ވެސް ދައުލަތަށް ބަރޯސާވެގެން އުޅުމަށް މި ވަނީ ވަރަށް ބޮޑަށް ދަސްކޮށްފަ އެވެ. ވިޔަފާރިއަކަށް ދޭ ސަބްސިޑީއެއް ކަނޑާލައިފިއްޔާ ދެން އެޖެހުނީ ކަންތަކާ އެވެ. އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިގްތިސާދީ މަސައްކަތްތަކަށް ސަބްސިޑީގެ ބަދަލުގައި ދެނީ ލުއި ލޯނުތަކެވެ. ނޫނީ ކޮންމެވެސް ވަރެއްގެ ޓެކްސް މާފު ކުރުން ތަކެއް ގެނެސްގެން ވިޔަފާރިތަކަށް ލުއި ދެނީ އެވެ. ސިނާއަތަކަށް ސަބްސިޑީ ދިނުމަކީ އަސްލު އިގްތިސާދީ ވިސްނުމަކުން އިސްރާފެކެވެ. އަބަދު މީހުންގެ އެހީގައި އުޅެންޏާ ވާނީ އުޅޭހާ އެވެ.

އެހެން ނަމަވެސް ރާއްޖޭގައި މަސްވެރިކަމަށް އަދި ދަނޑުވެރިކަމަށް ވެސް ހަމަ ހިލޭ ސަބްސިޑީދެ އެވެ. އެވެސް އޮންނަނީ ބަހާލާ އެއްޗަކަށް ހަދައިފަ އެވެ. ގިނަ ފަހަރަށް މިދާއިރާ ތަކަށް ދޫކުރާ ލޯނަށް ވުރެ ދެވޭ ސަބްސިޑީ ވެސް ގިނަ އެވެ. މީގެ ސަބަބުން އުފެދޭނެ އިގްތިސާދީ ވަކި ފައިދާއެއް ނެތެވެ. މިހާތަނަށް އޭގެ ތަޖުރިބާ ދިޔައީ ޗޮކުހުންނެވެ.

ފަހަކަށް އައިސް މަސްވެރިކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ސަބްސިޑީތަކަކާ އެއްޗެހި ފެނިގެން ގޮސްފި. ސަބްސިޑީ ދީގެން މަސްވެރިކަން ކުރުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރެވޭ ގޮތެއް ނޫން. އަޅުގަނޑު ދެކޭ ހިތް ވަނީ އެއްވެސް އެހީތެރިކަމަކާ ނުލާ، މަސްވެރިންނަކީ އެމީހުންގެ ބުރަ މަސައްކަތުން އަމިއްލައަށް، އެހެން ބައެއްގެ އެހީތެރިކަމެއް ނެތި ހަރަކާތްތެރިވެވޭނެ ހީވާގި ބަޔަކަށް ހެދުން،" މިއީ ސަބްސިޑީއާ މެދު އިކޮނޮމިކް ކޮމިޓީގެ ކޯޗެއާ ޑރ. މުހައްމަދު ޝައިނީގެ ވިސްނުންފުޅެވެ.

އިގްތިސާދީ މާހިރެއް ކަމަށްވާ ޑރ. ޝިމާދު ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ސަބްސިޑީތައް ދެނީ ތާކުންތާކު ޖެހޭ އުސޫލަކުން ނޫނެވެ. ޝިމާދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ ސަބްސިޑީ ދެވޭނެ ހަރުދަނާ ނިޒާމެއް ކަނޑައެޅުމާއި އާމްދަނީ ލިބޭ ވަރު ރިޕޯޓްކުރެވޭނެ ގޮތްތަކެއް ހެދުމެވެ.

"ކޮންމެ ކަމަކަށް ކޮންމެވެސް ނަމެއްގައި ސޯޝަލް އެލަވަންސެއް. މިސާލަކަށް އޭގެ ބަދަލުގައި ދެމެހެއްޓެނިވި އިގްތިސާދީ މަސައްކަތެއް މީހެއްގެ އެހީއެއް ނެތިވެސް ކުރެވޭނެ ގޮތަކަށް މީތި ބައްޓަން ކުރަންވީ. އެހެން ނޫނީ މީގެ ބުރަޔަކީ ނުއުފުލޭ ވަރުގެ ބުރަޔަކަށް ވެދާނެ. އަބަދު ސަރުކާރަށް ބަރޯސާވެގެން އުޅުމަކީ އުފެއްދޭ ނުބައި ސަގާފަތެއް،" ޝިމާދު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި ރާއްޖެ އަކީ ދުނިޔޭގެ އެހެން ގައުމުތަކާ ބަލާއިރު ނިސްބަތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދާ އެއް ގައުމެވެ. ނަމަވެސް ރާއްޖެ އަށް ޖެހިފައިވާ މައްސަލަ އަކީ އިސްރާފު އިންތިހާ އަށް ދިއުމެވެ. ސަބްސިޑީ މިދޭ ސަގާފަތަކީ ވެސް ހަމަ އޭގެ ބައެކެވެ. ރާއްޖޭގެ އެންމެ ބޮޑެތި ސިނާއަތްތައް ބަރޯސާވަމުން ދަނީ ސަބްސިޑީ އަށެވެ. ސަބްސިޑީ މި ވަނީ ސޮދަގާތެއްގެ ގޮތުގައ ބަހާ އެއްޗަކަށެވެ. މި ނޫން އެހެން ގޮތެއް މިކަމަށް އެބަ ހޯދަން ޖެހެ އެވެ.