އެމްއެންޑީއެފް

ޑޯނިއާ ފްލައިޓް ދުއްވުމުގެ ހުއްދަ ދިވެހި ސިފައިންނަށް

އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި ސިފައިނުންގެ ޕައިލެޓުންނަށް ލިބިއްޖެ އެވެ.

އިންޑިއަން އާމްޑް ފޯސްއިން ތަމްރީނުކުރި ދެ ސިފައިންގެ ބޭފުޅަކަށް ވަނީ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ދީފަ އެވެ. މި ދެ ބޭފުޅުންނަށް ސީޖީ އޭވިއޭޝަން ސްކޮޑް ބެޖް މިއަދު ހަވާލުކޮށްދެއްވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އެވެ.

ޝަމާލް މިއަދު ވިދާޅުވެފައި ވަނީ ދިވެހި ސިފައިން ޕައިލެޓުންނަށް މިލިޓަރީ ޑޯނިއާ ދުއްވުމަށް މިއަދު ލިބުނު ހުއްދައަކީ ތާރީހީ ޝަރަފެއް ކަމަށެވެ، މި އޮފިސަރުން ތަމްރީނުކޮށްދިން އިންޑީއާގެ ސިފައިނުންނަށް ޝަމާލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ބަދަލުކުރެވުނު ލެޓާ އޮފް އެކްސްޗޭންޖްގެ ދަށުން ދިވެހި ޕައިލެޓުންނަށް އެއާކްރާފްޓް ދުއްވޭގޮތަށް އިންޑީއާ އާއި އެކީ ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ފަސް ޕައިލެޓުން ތަމްރީނުކޮށް އޭގެތެރެއިން ހަތަރު ޕައިލެޓުން ވަނީ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ކޯސް ފުރިހަމަކޮށްފަ އެވެ. އޭގެތެރެއިން މިއަދު ބެޖު ލިބިވަޑައިގަތް ދެ ސިފައިނުން މިހާރު ވަނީ މި ހިދުމަތާ ގުޅިވަޑައިގެންފަ އެވެ.

ސިފައިންގޭގެ އެކި އޮޕްރޭޝަންތަކުގައި ބޭނުންކުރާ ޑޯނިއާ މަތިންދާބޯޓު މީގެ ކުރިން ދުއްވަމުން އައީ އިންޑީއާ ސިފައިނުންނެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ކޯސްޓްގާޑުގެ އެކި ބޭނުންތަކަށް މި މަތިންދާބޯޓު އަންނަނީ ބޭނުންކުރަމުންނެވެ. މި މަތިންދާބޯޓު ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ އިންޑީއާ ސަރުކާރުންނެވެ.

މިދިޔަ އަހަރު އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި މަތިންދާބޯޓު ޑިޕްލޯއީކުރީ ހދ. ހަނިމާދޫ އަށެވެ. އޭގެ ކުރިން އިންޑީއާ ސަރުކާރުން ވަނީ ދެ ހެލިކޮޕްޓަރު ވެސް ހަދިޔާކޮށްފަ އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މި ޑޯނިއާ މަތިންދާ ބޯޓު ހަދިޔާކުރި ނަމަވެސް އޮޕަރޭޓްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު ހޭދައެއް ކުރަން ޖެހުމުގެ ސަބަބުން އުޅަނދުތައް ބޭނުންކުރަމުން ދަނީ އިންޑީއާ ސަރުކާރުން ގައުމީ ދިފާއީ ބާރުގެ ނަން މައްޗަށް ޓްރާންސްފާކޮށް، ލޯގޯ އާއި ސިފައިންގޭގެ ކޮމާންޑް އަދި ކޮންޓްރޯލްގެ ދަށުން އޮޕަރޭޓް ކުރާ އުޅަނދުތަކެއްގެ ގޮތުގަ އެވެ.

ނަމަވެސް މި އުޅަނދުތަކުގެ މެއިންޓެނެންސް ހަރަދާއި ތެލާއި އަދި އެހެނިހެން ހުރިހާ ހަރަދެއް ބަލަހައްޓަމުން އަންނަނީ އިންޑިއާ ސަރުކާރުން ކަމަށް ސިފައިންގެއިން ވަނީ ބުނެފަ އެވެ.