ވާހަކަ

ސިއްތާ

(7 ނޮވެމްބަރ 2021 އާ ގުޅޭ)

ލަމްހާ ލޯ ފުހެލިތަން ފެނުމުން ނީރާ އެނބުރިލިއެވެ. ގޮނޑީގެ ކޮޅަށް ޖެހިލައި ލަމްހާގެ ގައިގާ ނީރާ ބައްދާލިއެވެ. ލަމްހާގެ ވާހަކަތައް އަޑު އެހި ނަމަވެސް ހަގީގަތުގައި އެ ވާހަކަތަކުގެ ސީރިއަސްކަން ނީރާއަށް އިހްސާސެއް ނުކުރެވެއެވެ. އޭނާ ބޮޑުވީ އެފަދަ މަންޒަރުތަކެއް ފެނިގެނެއްނޫނެވެ. އެހެންވިޔަސް ލަމްހާ ދެއްކި ވާހަކަތަކާމެދު ނީރާ ވިސްނިއެވެ.

* * * * *

އުޝާ ހީނުކުރާހާ އަވަހަށް ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ކޯޓުން ވަރި ސާބިތުކުރަން ޖެހޭއިރު އެކަން އެހާ އަވަހަށް ނިމިގެން ހިނގައިދާނޭ އުޝާ ހިޔެއްނުކުރެއެވެ. އެހެންވިޔަސް ލައިޒަލް އެ ގުޅުން ނިންމާލަން ބޭނުންވެފައި ހުރިވަރު އޭނާއަށް ޔަގީންވެއެވެ. ވީއިރު ކޮންމެގޮތަކުން ވިޔަސް ލައިޒަލް އޭނާ ބޭނުންވާ ކަންތައް ހާސިލުކުރާނޭކަމީ އުޝާއަށް އެނގޭ ކަމެކެވެ.

ވަރީގެ ސެޓްފިކެޓް ދަބަހަށް ކޮށްޕާލުމާއެކު އުޝާ ގެއިން ނުކުތެވެ. ދޮރޯށި ކައިރީ މަޑުކޮށްލައިގެން ހުރީ ޓެކްސީ އަންނަން ދެނެވެ. އޭނާ ގަސްދުކުރީ މަންމަ ކައިރިއަށް ރަށަށް ދާށެވެ. މާހައުލު ބަދަލުކޮށްލުމަށެވެ. ހިތާއި ސިކުނޑިއަށް ވަގުތު ދިނުމަށެވެ. ހަގީގަތް ގަބޫލުކޮށް ލައިޒަލްގެ މަތިން ހަނދާން ނައްތާލުމަށް އެ ވަގުތުތައް އޭނާއަށް އެހީތެރިވެދީފާނެކަމުގެ އުންމީދުގައެވެ.

"ހެލޯ!." އަންނަމުންދިޔަ ފޯނުކޯލު އުޝާ ނެގިއެވެ.

"ކޮންއިރަކުން ފުރުން ހަމަޖެހިފަ އޮތީ. ވަގުތު އޮތިއްޔާ އަހަންނާއެކު ބްރެކްފަސްޓަށް އިންވައިޓްކޮށްލަން މިގުޅީ." އުޝާގެ ކަންފަތާ ކައިރިކޮށްލައިގެން ހުރި ފޯނުން އިވުނީ ހަމްދާނުގެ އަޑެވެ.

"މިދަނީ އެއާޕޯޓަށް ދާން." އުޝާ ބުންޏެވެ.

"މިހާރު ދަނީ... ކޮންއިރަކު ޗެކިން؟. އިހަށް މަޑުކުރޭ... އަހަރެން އެބަދަން. އުޝާ އެއާޕޯޓަށް ގެންގޮސްދޭނަން. ޕްލީޒް." ހަމްދާނުގެ އަޑުގައި ކުރީން ހުރި ކެތްތެރިކަން ގެއްލުނު ފަދައެވެ.

"އެކަމަކު ޓެކްސީއަށް ގުޅައިފިން. މިހާރު އެ އަންނަނީ."

"ޓެކްސީ ފޮނުވާލާ. އަހަރެން މި ކާރަށް އަރަނީ. ނުވާނެ ގިނައިރެއް. މިދަނީ." ހަމްދާނު ފޯނުކޯލު ކަނޑާލީ އުޝާ ވާހަކަދައްކަން ފުރުސަތެއް ނުދީއެވެ.

ދޮރޯށި ކައިރީ ހުރި އުޝާއަށް ދުރުން ކަޅުކުލައިގެ ކާރު ފާހަގަވެއްޖެއެވެ. އެއީ ލައިޒަލް ދުއްވާ ކާރެވެ. ހަމްދާނު ވެސް ބޭނުންކުރަނީ އެ ކާރެވެ. އެހެންވިޔަސް އެއީ އޭނާގެ އެއްޗެއް ނޫންކަން އުޝާއަށް މިހާރު އެނގެއެވެ. އެ ކާރު އައިސް ގޭ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ. ކުރީ ސީޓުން ފައިބައިގެން އައީ ހަމްދާނެވެ. އުޝާ ފެނުމާއެކު އެ ތުންފަތް ހިނިތުންވުމަކުން ދެމިލައިފިއެވެ. އުޝާގެ ފޮށި ކާރަށް އަރުވާދިނުމަށްފަހު ކުރީ ދޮރުފަތް ހުޅުވާލަދިނެވެ. އުޝާ އަރައި ހަމަޖެހިލުމުން ކާރުގެ ދޮރުފަތް ލައްޕާލިއެވެ. ދެން މަޑު ދުވުމެއްގައި ކާރު ހުރަސްކޮށް އަނެއްފަރާތަށް ހަމްދާނު އައިސް ޑްރައިވަރު ސީޓަށް އެރިއެވެ. އެމީހުންގެ މިސްރާބު އެއާޕޯޓަށް ހުއްޓެވެ.

"ކޮންއިރަކުން އަންނާނީ؟." ހަމްދާނު އަހާލިއެވެ.

"ނޭނގެ. މަންމަ އަންނައިރުހެން ހީވަނީ ދެން އަންނާނީ." އުޝާގެ ވިސްނުން ހުރި ގޮތް ހާމަކުރިއެވެ.

"އަހަރެން ގުޅާނަން. ފޯނު ނަގައްޗޭ." ހަމްދާނުގެ އަޑުގައި ހިސާބެއްގެ އާދޭސް އެކުލެވިފައި ވިއެވެ. ފަރުވާތެރި ބެލުމަކުން ހަމްދާނަށް އުޝާ ބަލާލިއެވެ. މިފަހަރު އުޝާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ހަމްދާނަށް އެ ހިނިތުންވުން އުޝާގެ ފަރާތުން ޖަވާބަކަށް ފުދުނެވެ.

* * * * *

ހަވީރުގެ ވަގުތެވެ. ރިޔާންގެ ކާރު ގެސްޓްހައުސް ކައިރިއަށް މަޑުކޮށްލިއެވެ. ކާރުން ފޭބި ޒުވާނާ ގޮވައިގެން އެތެރެއަށް ވަދެގެން ރިޔާން އައެވެ. ރިސެޕްޝަންއާ ކައިރިވެލައި ކައުންޓަރުގެ އެތެރޭގައި ހުރި ބިދޭސީ މުވައްޒަފާ ރިޔާން ވާހަކަދެއްކިއެވެ. ކޮޓަރީގެ ތަޅުދަނޑިހިފައިގެން ރިޔާން ހިނގައިގަތީ އަލަށް އެތަނަށް ޗެކިންވީ ޒުވާނާއަށް ކޮޓަރި ދައްކާށެވެ. ތަނުން ލިބޭނެ ހިދުމަތްތަކުގެ ވާހަކަ ވެސް ރިޔާން ކިޔައިދެމުންދިޔައެވެ.

ބިއްދޮށުގައި އާންމުކޮށް ނީރާ ނުކުމެ އިންނަ ގޮނޑީގައި އިނެވެ. އިލްޔާސްއާ ބައްދަލުކުރަން ލަމްހާއާއި ސުޖާއު ދިޔައީ ނީރާގެ ކައިރީ ގެސްޓްހައުސްއިން ބޭރަށް ނުނިކުންނަން ބުނުފައެވެ. ނަމަވެސް އެ ނިންމުމުގެ މަތީން ނީރާ ހަނދާންނައްތާލީ ރިޔާންގެ ދަރިފުޅު އާނިސް އައުމާއެކުއެވެ. އެކުއްޖާ ނީރާ ގޮވައިގެން އައީ ރިޔާންގެ ކައިރިއަށެވެ.

"އަހަރެން ބުނެގެންނެއްނޫން އިނގޭ." ނީރާ ފެންނައިރަށް ސަމާސާ ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރެ ރިޔާން ބުންޏެވެ.

"އަތިރިމައްޗަށްތަ؟." ދާން އުޅެނީ ކޮންތާކަށްތޯ އަހާލާފަދައިން ނީރާ ސުވާލުކޮށްލިއެވެ.

"އާން. މިއަދު ތަންކޮޅެއް ލަސް ވެސް ވެއްޖެ. އެކަމަކު ގެންދާނަމޭ ބުނެވިފަ އޮތީމަ ދާންވާނެތާ. ކޮބާ ނީރާގެ މަންމަމެން." ލަމްހާއާއި ސުޖާއު އައީސުރެން ނީރާއާއެކު އެމީހުން އުޅޭތަން ފެނިފައި ހުރީމަ ރިޔާން އަހާލިއެވެ. އެމީހުންނަށް ނޭނގި އޭނާއާއެކު ނީރާ ދިއުން ރަނގަޅު ހިޔާލަކަށް ވެދާނެބާއޭ ރިޔާން ހިތަށް އެރީއެވެ.

"އެއްކަލަ ގެ ކަންތަކުގަ ދިޔާއީމެންނު އިލްޔާސް ކިޔާ މީހެއް ކައިރިއަށް. އޭނާއާ ބައްދަލު ކުރަން ގޮސްވީ..."

ރިޔާންއާއި ނީރާގެ ވާހަކަ ދިގުވާންފެށުމުން އާނިސް އޭނާގެ ބައްޕަގެ އަތަށް ދާމާލިއެވެ. އެކުއްޖާ ހުރީ ދާން ބޭނުންވެފައިކަން އަންގާލުމަށެވެ. ރިޔާން ހީނލާފައި ދަރިފުޅުގެ އަތުގައި ހިފައިގެން ދޮރޯށިން ނުކުންނަން އައެވެ. އެ ދެބަފައިންގެ ފަހަތުން ނީރާ އައެވެ.

"ނީރާ..." ނީރާގެ ފިޔަވަޅު މަޑުޖެހުނީ ފަހަތުން ލައިޒަލް ގޮވާލީމައެވެ. އޭނާއެކޭ އެއްވަރަށް ރިޔާން ވެސް ހުއްޓެވެ.

"ނީ.." ނީރާގެ ފަރާތުން އިޝާރާތެއް ނުވުމުން ދެވަނަ ފަހަރަށް ލައިޒަލް ގޮވާލިއެވެ. އޭނާ ނީރާގެ ކައިރިއަށް އަންނަން ފެށިއެވެ. ނީރާ އެނބުރި ބަލާލީ ދެނެވެ. ކުރިމަތިން ފެނުނީ ލައިޒަލްއެވެ.

"ދަންނަންތަ؟." ނީރާގެ ފަހަތުން ކައިރިވެލި ރިޔާން އަހާލިއެވެ. ކުރިމަތިން ފެންނަން ހުރީ އިރުކޮޅެއް ކުރީން އޭނާ އެ ތަނަށް ގޮވައިގެން އައީ ޒުވާނާއެވެ. އޭނާ ނީރާއަށް ބަލަން ހުރި ގޮތް ރިޔާނަށް ކަމަކުނުދިޔައެވެ.

"ނީރާ. ކިހިނެއްވީ؟. އޭނާ ދަންނަންތަ؟." ރިޔާން ސުވާލުކުރިއެވެ.

"ސޮރީ... އަހަރެންނަށް ނުދެވޭނެ. ރިޔާން ދޭ." ނީރާ ބުނެލިއެވެ.

ރިޔާނަށް ބުނެދޭން ނޭނގޭ ފަދަ އުނދަގޫ އިހްސާސެއް ހިތަށް ވެރިވިއެވެ. އެއީ ކާކުކަމެއް ނީރާ ނުބުނިތަނުގައި އޭނާ އެތަނުން ފޮނުވާލަން ބޭނުންވީ ރިޔާންކަމަށް ވީމައެވެ. އެހެންވިޔަސް ނީރާގެ ބަހާ ދެކޮޅު ހެދުމުގެ ހައިސިއްޔަތެއް އޭނާއަށް ލިބިފައި ނެތެވެ. ރިޔާން ބަލަން ހުއްޓާ ނީރާ ހިނގައިގަތީ އޭނާ އައިކޮޅަށް ދާށެވެ. ރިޔާން ބަލަބަލާ ހުއްޓާ ލޯމަތިން ނީރާ ގެއްލިއްޖެއެވެ. ނީރާގެ ފަހަތުން އެ ޒުވާނާ ވެސް ގޮސް ގެއްލުނީއެވެ.

"ކިހިނެއް މިތަނަށް އަންނަން އެނގުނީ؟." މީހެއްގެ އުނދަގުލެއް ނުޖެހޭނެކަން އެނގޭތީ ނީރާ އައީ ބިއްދޮށް ފަރާތަށެވެ. ލައިޒަލްއާ ކުރިމަތިލުމުގެ ބަދަލުގައި އޭނާ ވާހަކަދެއްކީ ފުރަގަސްދީގެން ހުރެއެވެ. ދެއަތްއުރާލައިގެން ހުރިއިރު ހީވަނީ މޭގައިވީ ހިތް ލައިޒަލްއަށް ފޮރުވަން މަސައްކަތް ކުރަނީ ހެނެވެ.

"ނީރާ ހޯދަން މިއައީ... އަހަރެންގެ އަތުން ގެއްލުނު ލޯބިވެރިޔާ ލިބޭތޯ." ލައިޒަލް ބުނެލިއެވެ. އޭނާ ކުރިއަށް ޖެހިލައިފިނަމަ ވިސްނައިގެން ހުރި ނީރާ ވެސް ދުރުމިން އިތުރު ކުރުމަށް ކުރިއަށް ޖެހިލައެވެ.

"އިޓްސް ޓޫ ލޭޓް." ބުނަން ބޭނުންނުވެފައި ހުރެ ވެސް ނީރާ ބުނެލިއެވެ.

"ނުވޭ ލަހެއް. ނީރާ... ފުރަގަސްދީގެން ނުހުރެބަލަ. މިކޮޅަށް އެނބުރިބާ... ޕްލީޒް ނީރާ." ކައިރި ވެވޭތޯ ލައިޒަލް މަސައްކަތް ކުރިއެވެ. ނަމަވެސް އަޅާ ކޮންމެ ފިޔަވަޅަކަށް ނީރާ ވެސް ފިޔަވަޅެއް އެބައަޅައެވެ. ހުސިޔާރުވެ ނީރާގެ ކައިރިއަށް ލައިޒަލް ބޮޑު ފިޔަވަޅެއް އަޅާލުމާއެކު އަތުގައި ހިފައިފިއެވެ. ލައިޒަލްއާ ކުރިމަތިލާން ނީރާއަށް މަޖުބޫރުކުރުވިއެވެ. އެވަރުން ވެސް ނަޒަރު ސީދާ ކުރަން ބޭނުންނުވެފައި ހުރި ނީރާއަށް ހައިރާންކަން ލިބުނީ އޭނާގެ އަތަށް ލައިޒަލް ލައިދިން އެއްޗަކުންނެވެ.

"މިހާރު ގަބޫލުކުރެވޭތަ؟. އަހަރެން މިއައީ ނީރާ ހޯދަން. އަހަރެންގެ ލޯބި ހޯދަން." ލައިޒަލް ބުންޏެވެ.

"ޑިވޯސްވީ..." އަތުތެރޭ އޮތް ވަރީގެ ސެޓްފިކެޓުން ލައިޒަލްއަށް ނީރާގެ ނަޒަރު ދަތުރުކޮށްލިއެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ލައިޒަލް ބޯޖަހާލީ ނީރާއަށް ބުނެވުނު އެއްޗަކާ އެއްބަސްވުމުގެ ގޮތުންނެވެ.

"ކީއްވެ؟..." ނީރާގެ މޫނުން ފާޅުވީ ނުތަނަވަސްކަމެވެ. ލައިޒަލް އުންމީދުކުރި އުފާވެރިކަމެއް ނުފެނުނެވެ.

"ކީއްވެކަން އެނގެއެއްނު." ލައިޒަލްއަށް ނީރާގެ އެ ސުވާލު ދޭހައެއްނުވިއެވެ.

"ދެން ބޭބީ." ނީރާއަށް ބުނެވުނެވެ. އެ މޫނަށް މިފަހަރު ލައިޒަލް ބަލަން ހުރީ ފަރުވާތެރިކަމާއެކުއެވެ. ނީރާގެ މޫނުން އެ ހަށިގަނޑަށެވެ. ވަގުތުކޮޅަކަށް އޭނާ ހިމޭންވެފައި ހުއްޓެވެ.

"ޓެލް މީ ސަމްތިން... ކާކުގެ ބޭބީއެއް؟. އަހަރެންގެތަ، ނޫނީ އީހާންގެތަ؟. އަހަރެންގެ ނަމަ މިހާރު ތި ބަނޑުން އެނގޭހާ ދުވަސްވެދާނެ."

"އުޝާ... ތި ދެމީހުންގެ ބޭބީ. އުޝާ ފްރެގްކަން އަހަންނަށް އެނގޭ." ލައިޒަލްގެ ދެއަތް ފޮޅުވާލަން ނީރާ އުޅުނެވެ. އެކަމަކު އެހެންވިޔަ ލައިޒަލް ނުދިނެވެ. ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ނުދެއްކެނީސް އޭނާގެ ކުރިމަތިން ނީރާއަކަށް ނުދެވޭނެއެވެ.

"ނީ... އައި ސްވެއާ... އެކަހަލަ ނިޔަތެއްގަ އަހަރެން އޭނާއަށް ބަލާނުލާއިރު ސްލީޕްކުރާނީ ކިހިނެއް. ޔޫ އާ ދި އޮންލީ ގާލް. އެހެން އެއްވެސް އަންހެނަކާއެކު އެފަދަ ގާތްކަމެއް ބާއްވާފައެއް ނޯންނާނެ. ގަބޫލުކުރޭ... އުޝާ ބަނޑުބޮޑުނަމަ އެއީ އަހަރެންގެ ދަރިއެއްނޫން... އޭނާ ބުނީތަ ބަނޑުބޮޑޭ. އުޝާ ދޮގު ހެދީކަމަށް ވެދާނެ. އޭނާ އަހަންނަށް ވެސް އޮޅުވާލީ."

ނީރާގެ އަތުގައި އޮތް ވަރީގެ ސެޓްފިކެޓް އަނބުރާ ލައިޒަލްއަށް ދިއްކޮށްލިއެވެ. މަޑުމަޑުން ދެފާރަތަށް ބޯހޫރާލިއެވެ. ގަބޫލުކުރަން ދަތިވެފައި ހުރި ފަދައިންނެވެ. މަޑުމަޑުން ލައިޒަލްއާ ދުރަށް ނީރާ ހިނގައިގަތެވެ. ހަމައެހިނދު ނީރާގެ ފަހަތުން ލައިޒަލް އައިސް ހިފެހެއްޓިއެވެ. ނީރާގެ ކޮނޑުމަތިން ހުރަސްކޮށްލި ލައިޒަލްގެ އަތާއެކު އޭނާގެ މޭގައި ނީރާ ގެނެސް ޖައްސާ ބާރުކޮށްލިއެވެ.

"އަހަރެން ނީއަށް ދޮގެއް ނުހަދާނަން. އަހަންނަށް އެނގޭ އަހަރެން ވެސް އަމިއްލަ އެދުން އިސްކުރެވުނުކަން. ދުވަހަކުވެސް ނީއަށް ދެރަގޮތެއްވާން އަހަރެން ނޭދެން. އެހެންވިޔަސް ނީއަށް ހާޓް ކުރެވުނުކަން އެނގޭ. ތެދަށް ބުނަންޏާ ގަސްދުގައެއްނޫން. ނީ... އަހަރެން ވަރަށް ލޯބިވޭ... މޮޔަވާހާ ލޯބިވޭ. ހުރިހާކަމެއް މިއަދު ކިޔައިދޭނަން. އަހަންނަށް ވެސް ގޯސްތަކެއް ހެދިއްޖެ. އެކަމަކު ނީ ބުނޭ... އަލުން އަހަރެންގެ މީހަކަށްވާނީ ކިހިނެއް ހެދީމަ. އަހަރެމެންގެ ގުޅުމަށް އިތުރު ފުރުސަތެއް ދޭނެ ގޮތެއް ބުނޭ. އަހަރެން ކޮންމެކަމެއް ވެސް ކޮށްފާނަން... ނީ ދޫކޮށްލުން ނޫން ކޮންމެކަމެއް... ބުނޭ..."

ލައިޒަލްގެ ވާހަކަތަކުން ނީރާއަށް އަސަރު ކުރިއެވެ. ލޯ މަރާލީ އެގޮތުގައި ލައިޒަލްގެ އަތުގެ ތެރޭގައި ހުރުމަށް ނީރާގެ ހިތް ވެސް އެދެމުންދިޔައީތީއެވެ. އުޝާ ވަރިކޮށްފައި ނީރާގެ ގާތަށް މިގޮތަށް ލައިޒަލް އަތުވެދާނޭ އޭނާ ހިޔެއްނުކުރެއެވެ. ލައިޒަލްގެ ދިރިއުޅުމުން ދެވަނަ އަންހެނެއްގެ މަގާމު ނޫނީ ނީރާއަށް ނެތޭ އޭނާ ހުރީ ގަބޫލުކޮށްގެންނެވެ. ލައިޒަލްއާއި އުޝާ ގުޅެން ޖެހުނު ގޮތް ލައިޒަލް ކިޔާދެމުންދިޔައިރު ނީރާ ހުރީ ކަނުލާ އަޑު އަހާށެވެ. ލައިޒަލްގެ ފޯނުގައިވީ ވީޑިއޯތަކާއި ފޮޓޯތައް އީހާނާ ހަމައަށް އައިގޮތުގެ ހަގީގަތް އެނގުނު ހިނދު ލައިޒަލްގެ ހުރަސްކޮށްލެވިފައި އޮތް އަތުގެ މުލައްދަނޑީގައި ނީރާއަށް ހިފަހައްޓާލެވުނެވެ. ނީރާގެ އެ ކުޑަ އިޝާރާތުން ވެސް ލައިޒަލްގެ ހިތަށް ދަތިވިއެވެ. ނީރާގެ ބޮލުގައި އޭނާ ތުންފަތް ޖައްސާލިއެވެ. މަޢާފަށް އެދި ނީރާގެ ބޮލުގައި ލައިޒަލް ބޮސްދިނެވެ.

"ނީ... ޕްލީޒް. އެއްޗެކޭ ބުނެބަލަ. އަދިވެސް ލޯބިވެޔޭ ބުނެބަލަ." ލައިޒަލް ހުރިހާކަމެއް ކިޔާދިނުމުން ވެސް ނީރާ ހިމޭންވެފައި ހުރީއެވެ. ލައިޒަލްގެ ހިތް އަވަސްވެފައިވަނީ ނީރާ އޭނާ ބަލައިނުގަނެދާނެތީއެވެ. އިތުރު ފުރުސަތެއް ނުދީފާނެތީއެވެ. އޭނާގެ އާދޭސް ގަބޫލުނުކޮށްފާނެތީއެވެ.

"ނީރާ..." ކުއްލިއަކަށް އިވުނީ ލަމްހާގެ އަޑެވެ. އެއާއެކު މަންމައޭ ނީރާއަށް ބުނެލެވުނެވެ. އޭނާގެ ގައިގާވީ ލައިޒަލްގެ އަތް ވަގުތުން ދުރުކޮށްލިއެވެ. ދެ ޒުވާނުން އެނބުރިލީ އެކުއެކީގައެވެ. އެ ދެ ޒުވާނުންނަށް ހައިރާންކަމާއެކު ބަލަން ލަމްހާއާއި ސުޖާއު ތިބިތަން ފެނުނެވެ. (ނުނިމޭ)