ފިނޭންސް މިނިސްޓްރީ

އޮޑިޓްކުރުން ހަރުދަނާކުރަން ދެ ގަވައިދެއް

އޮޑިޓް ކުރުމުގެ މަރުހަލާތައް ހަރުދަނާ ކުރަން ދެ ގަވައިދެއް ނެރެފި އެވެ.

އޮޑިޓު އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ގަވައިދު ނެރެ ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. މިއަދު ނެރުނީ "ރެގިއުލޭޝަން އޮން އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް އެސްއޯއީސް" އަދި "ރެގިއުލޭޝަން އޮފް ޕަބްލިކް އިންޓްރަސްޓް އެންޓިޓީ އޮޑިޓާސް" އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ދެ ގަވައިދަކީ ސަރުކާރު ކުންފުނިތައް އޮޑިޓް ކުރުމަށް މިހާރު ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށް ތަފްސީލީ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ދެ ގަވައިދު ކަމަށެވެ. އަދި އޭގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.

އެ ދެ ގަވައިދު ނެރުމަށް ފަހު ސަރުކާރުގައު ގެޒެޓުގައި ޝާއިއު ކުރާނެ އެވެ.