ގއ. މާމެންދޫ

ގއ. އަތޮޅުގެ ހަތަރު ރަށެއް ބްރިޖަކުން ގުޅާލުމުގެ ބޮޑު ކެމްޕޭނެއް ފަށައިފި

Nov 9, 2021
2

ގއ. އަތޮޅުގެ އިރު އުތުރުފަޅީގައި ހިމެނޭ ވިލިނގިލި، މާމެންދޫ، ނިލަންދޫ އަދި ދާންދޫ ބްރިޖަކުން ގުޅާލުމުގެ ވަރުގަދަ ކެމްޕޭނެއް އެ ރަށްތަކުން ފަށައިފި އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހަތަރު ރަށުގެ ކައުންސިލްގެ ރައީސުން ވެސް ވިދާޅުވީ އެ ރަށްތައް ގުޅާލުމަކީ އެ ރަށް ތަކުގެ ކައުންސިލްތަކާއި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ އަދި ސަރުކާރުގައި އެކަމަށް އެދޭ ކަމެއް ކަމަށެވެ.

ނިލަންދޫ، ދާންދޫ، ވިލިނގިލި އަދި މާމެންދޫގެ ތެރެއިން ނިލަންދޫއާއި ދާންދޫ ކައުންސިލުން ވަނީ އެ ދެ ރަށް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ފުރަތަމަ ފެށުމަށްފަހު އެ ދެ ރަށާ މާމެންދޫ އަދި ވިލިނގިލި ގުޅާލުމަށް ތާއީދުކޮށް ދެ ކައުންސިލްގެ ވަކިވަކި ގަރާރުތައް ވެސް ފާސްކޮށްފަ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ދާންދޫ އާއި މާމެންދޫ ގުޅާލުމަކީ ދެ ރަށުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެނެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ރަސްމީ އިދާރާތަކަށް ރަސްމީ ސިފައެއްގައި ހުށަހެޅުމެއްގެ ގޮތުގައި އެކަން އަދި ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެކަމަކު ދުރު މުސްތަގުބަލަކަށް ވިސްނާނަމަ ދާންދޫ އާއި ނިލަންދޫ ގުޅާލުމަށްފަހު މާމެންދޫއާއި ވިލިނގިލި ވެސް އެ ދެ ރަށާ ގުޅާލުމަކީ އެ ސަރަހައްދަށް ހަލުވި ތަރައްގީއެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް މި ދެ ރަށުގެ ރައްޔިތުންނަކީ އެއް ރަށުން އަނެއް ރަށަށް އަބަދުވެސް ދަތުރުކުރާ ބައެއް. އާއިލީ ގޮތުން ވެސް ވަރަށް ގާތް ބަޔަކު ދިރިއުޅޭ ދެ ރަށް. އަޅުގަނޑުމެން މިމަސައްކަތް ބާރަށް ކުރިއަށް ގެންދަން ބޭނުންވޭ،" އާސިފް ވިދާޅުވި އެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަދި ގއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް ނާސިހް އިބްރާހީމް ވިދާޅުވީ ދާންދޫ، ނިލަންދޫ، މާމެންދޫ އަދި ވިލިނގިލި ގުޅާލުމުގެ މަސައްކަތަށް ހަތަރު ރަށުގެ ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ދެން އެންމެ އަވަހަށް ބާއްވާ އަތޮޅު ކައުންސިލްގެ ބައްދަލުވުމަށް ހަތަރު ރަށް ބްރިޖަކުން ގުޅާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމާ ގުޅޭ މައްސަލަ އެޖެންޑާ ކުރުމަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދިޔަ މަހު ވާނީ އަތޮޅު ކައުންސިިލްގެ ރައީސް އިބްރާހީމް ޝަހީން އާއި ވިލިނގިލި ކައުންސިލްގެ ރައީސް ވެސް ހިމެނޭ ގޮތަށް ބްރިޖުގެ ކަންކަމުގައި ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ދާންދޫއަށް ދަތުރެއް ކޮށްފައި. އެ ދަތުރުގެ ފަހުން ދާންދޫން މިހާރު އެވަނީ ބްރިޖު އެޅުމާ ގުޅޭ ގަރާރެއް ވެސް ފާސްކޮށްފައި. މިމަސައްކަތުގައި އަޅުގަނޑު އުއްމީދުކުރަނީ އަތޮޅު ކައުންސިލްގެ ރައީސްގެ ވެސް އެހީތެރިކަން އޮންނާނެ ކަމަށް،" ނާސިހް ވިދާޅުވި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ހަތަރު ރަށް ގުޅާލުމަކީ ވިލިނގިލި ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ. ވިލިނގިއްޔާއި ޖެހިގެން އެންމެ ގާތުގައި އޮތް ރަށަކީ އެއާޕޯޓަކާއި މަސް ފެކްޓަރީއެއް ހިންގާ ކޫއްޑޫ ކަން ފާހަގަކުރައްވަމުން ވިޝާލް ވިދާޅުވީ ކޫއްޑޫއާއި ވިލިނގިލި ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން ވިލިނގިލި / ކޫއްޑޫ ބްރިޖުގެ މަސައްކަތަށް އިސްކަން ދިނުމަށްފަހު އަތޮޅުގެ އެހެން ރަށްތައް ގުޅާޅުމުގެ މަސައްކަތުގައި ވިލިނގިލި ކައުންސިލާއި ރައްޔިތުން ފުރިހަމަ އަށް ބައިވެރިވާނެ ކަމަށެވެ.

"ކޫއްޑޫއާއި ވިލިނގިލ ބްރިޖަކުން ގުޅާލުމާ ގުޅޭ ދިރާސާ ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ އެވަނީ ހިމަނާފައި. އެހެންކަމުން ރައީސްގެ ވައުދު ފުއްދަވައިދެއްވާނެ ކަމަށް ވިލިނގިލި ރައްޔިތުން އުއްމީދު ކުރޭ. އެ މަސައްކަތާ އެކު އަޅުގަނޑުމެން ދެން ހުރި ރަށްތައް ގުޅާލުމަށް ވެސް އެ ރަށްތަކުގެ ކައުންސިލްތަކާ އެކު މަސައްކަތް ކުރާނަން.

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖު ހެދުމަށް ދިރާސާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 450،000 ރުފިޔާ މިހާރު ވަނީ ހިމަނާފަ އެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަހްމަަދު އަޒީޒު ވިދާޅުވީ މާމެންދޫ، ދާންދޫ، ނިލަންދޫ އަދި ވިލިނގިލި ބްރިޖަކުން ގުޅާލުމަށް މާމެންދޫ ކައުންސިލުން އަދި ގަރާރެއް ފާސްކޮށްފައި ނުވި ނަމަވެސް ބްރިޖު އެޅުމަށް ކުރާ ކޮންމެ މަސައްކަތެއްގައި މާމެންދޫ ކައުންސިލާއި ރައްޔިތުން ބައިވެރިވާނެ ކަމަށެވެ. މާމެންދޫ އާއި އެންމެ ގާތުގައިވާ ރަށަކީ ކޫއްޑޫ ކަން ފާހަގަކުރައްވަމުން އަހްމަދު ވިދާޅުވީ މާމެންދޫ އާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވައުދެއް ކަމަށެވެ. ރައީސް އެކަމަށް ވައުދުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމެންދޫ ހިމެނޭ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އިންތިހާބު ކުރުމަށް މާމެންދޫ އަށް ވަޑައިގަތުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބްރިޖު އަޅަން ކިތަންމެ ބޭނުންވިޔަސް އަޅުގަނޑު ހިތަަށް އަރަނީ އެއީ ސަރުކާރުން ކޮށްދޭނެ ކަމެއް ބާވައޭ. އެކަމުގެ ޔަގީންކަން ކުޑަކަމުން ބްރިޖު އެޅުމަށް އަޅުގަނޑުމެން ކައުންސިލުން ގަރާރެއް ފާސްނުކޮށް އަދި އެވަނީވެސް. ގަރާރެއް ފާސްކޮށްގެން އެކަމެއް ނުވާނަމަ އެއީ ބޭކާރު ގަރާރެއް ކަމަށް އަޅުގަނޑު ދެކެނީ. ހަގީގަތުގައި މިސަރަހައްދުގެ ރައްތަަކުގެ ތަރައްގީއަށް ބްރިޖެއް ވަރަށް މުހިއްމު،" އަހްމަދު ވިދާޅުވި އެވެ.

ގއ. އަތޮޅުގެ އިރު އުތުރުފަޅީގައި ހިމެނޭ ރަށްތަކުގެ ތެރެއިން ވިލިނގިލީގެ އާބާދީއަކީ 4،500 އެވެ. ދާންދޫގައި 2،100 މީހުން އުޅޭއިރު މާމެންދޫގެ އާބާދީއަކީ 1،580 މީހުންނެވެ. އަދި ނިލަންދޫގެ އާބާދީ އަކީ 1،148 މީހުންނެވެ.

ދާންދޫ، މާމެންދޫ، ނިލަންދޫ އަދި ވިލިނގިލި ބްރިޖަކުން ގުޅާލަން ކެމްޕޭނެއް ފަށާފައިވާއިރު ވިލިގިއްޔާއި މާމެންދޫއާއި ދެމެދުގައި ކޫއްޑޫ ހިމެނެ އެވެ. މާމެންދޫއާއި ކޫއްޑޫ އަދި ކޫއްޑޫއާއި ވިލިގިއްޔާ ދެމެދު ވެސް ކަނޑައޮޅިއެއް އޮވެ އެވެ. މާމެންދޫއާ އެއްފަޅެއްގައި ދިގުރަށް ރިސޯޓާއި ފަޅުމާފުށި ރިސޯޓު އޮތް އިރު އެ ފަޅުތެރޭގައި އޮތް ކެރެއްދޫގައި ވެސް މިހާރު ދަނީ ރިސޯޓެއް ތަރައްގީކުރަމުންނެވެ. ނިލަންދޫއާއި އެންމެ ގާތުގައި އެރަށުގެ އެއް ފަރާތުގައި އޮތީ މާމެންދޫގެ ފަޅުތެރޭގައި އޮތް ކެރެއްދޫ އެވެ. އެކަމަކު ކެރެއްދޫއާއި ނިލަންދޫ އާއި ދޭތެރޭގައި ވެސް އަދި ނިލަންދޫ އާއި އިންވެގެން ރަށުގެ އަނެއް ފަރާތުން އެންމެ ގާތުގައި އޮތް ދާންދޫއާއި ދޭތެރޭގައި ވެސް ކަނޑުއޮޅިއެއް އޮވެ އެވެ. އެކަމަކު އެތަނުން އެއްވެސް ކަނޑުއޮޅިއެއް 1.4 ކިލޯ މީޓަރަށް ވުރެ ދުރު ނުވާނެ ކަމަށް ކައުންސިލް ތަކުން ބުނެފައިވެ އެވެ.

ކޯޒްވޭ އަކުން ރަށްތަކެއް ގުޅާލުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހަ މަޝްރޫއަކަށް ފައިސާ ހިމަނާފައިވެ އެވެ. އެގޮތުން ކޯޒްވޭ އަކުން ގުޅާލުމަށް ނިންމާފައިވަނީ ބ. ފެހެންދޫއާއި ބ. ގޮއިދޫއާއި، މ. މުއްޔާއި މ. ނާލާފުށްޓާއި، ތ. ވޭމަންޑޫއާއި ތ. ކިނބިދޫއާއި، ލ. ކަލައިދޫ އާއި ލ. ދަނބިދޫއާއި، ލ. ކުނަހަންދޫ އާއި ލ. މެންދޫގެ އިތުރުން ލ. ހިތަދޫ އާއި ލ. މެންދޫ އެވެ. ފެހެންދޫއާއި ގޮއިދޫ މަޝްރޫއުގެ ޕްރީޓެންޑަރިންއާ ގުޅޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ދެ ލައްކަ ރުފިޔާ ހިމަނާފައިވާއިރު އަނެއް ހުރިހާ ރަށެއް ގުޅާލުމަށް އެއް މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.