މާފުށި

މާފުށި ޕިކްނިކް އައިލެންޑްގެ އަމަލީ މަސައްކަތް ފަށަނީ

Nov 10, 2021

ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 10.8 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގައި ހިމެނެނީ ދެ ހެކްޓަރުގެ ބިން ހިއްކުމާ އެކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމެވެ.

އެމްޓީސީސީން މީގެ ކުރިން ވަނީ ކ. ގުރައިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާ އެކު ގުރައިދޫ އަށް ވެސް ޕިކްނިކް އައިލެންޑް ވަކިން ހިއްކާފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ކ. ކުޑަގިރިފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ފަށާފަ އެވެ.

އެ މަޝްރޫއުގެ ދަށުން އަށް ހެކްޓަރުގެ ބިން ހިއްކުމަށް ފަހު 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން ރައީސް ސޯލިހްގެ ވައުދު ފުއްދަވައިދެއްވުމަށް އެމްޓީސީސީން އެ މަސައްކަތް ނިންމާނެ އެވެ.