ބޭރު ކުޅިވަރު

ބާސެލޯނާ ކޮޅަށް ވެލެންސިއާ ލަނޑު ޖެހުމުން ސަޕޯޓަރަކު ފިތިގެން މަރުވެއްޖެ

ސްޕެނިޝް ލީގުގައި އިއްޔެރޭ ވެލެންސިއާ އާއި ބާސެލޯނާ ކުޅުނު މެޗުގައި ވެލެންސިއާ ލަނޑު ޖެހުމުން ސަޕޯޓަރުން އުފާފާޅު ކުރަނިކޮށް ފިތިގެން އެކުލަބުގެ ސަޕޯޓަރަކު މަރުވެއްޖެ އެވެ.

ވެލެންސިއާއިން ނެރުނު ބަޔާނުގައިވަނީ ސަޕޯޓަރަކު މަރުވުމުން ހިތާމަ ކުރާ ކަމަށާއި އޭނާގެ އާއިލާ އަށް ކެތްތެރިކަމަށް އެދޭ ކަމަށެވެ.

މި މެޗުގައ ފުރަތަމަ ލަނޑު ޖެހީ ބާސެލޯނާގެ ލުއިސް ސުއަރޭޒް އެވެ. ޖުމުލަ 55000 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ވެލެންސިއާއިން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަތަރު މިނިޓަވެފައިވަނިކޮށް ސަންތި މިނާ އެވެ.

މި ނަތީޖާއާއެކު ބާސެލޮނާގެ ލީޑު ވަނީ ދެ ޕޮއިންޓަށް ހެނިވެފަ އެވެ. ވެލެންސިއާ އޮތީ 20 ޕޮއިންޓާއެކު ހަތް ވަނާގަ އެވެ. ބާސެލޯނާ އޮތީ 34 ޕޮއިންޓާއެކު އެއްވަނާގަ އެވެ.

މި މެޗަކީ ވެލެންސިއާގެ ކޯޗުކަމާ މެންޗެސްޓާގެ ކުރީގެ ޑިފެންޑަރު ގެރީ ނެވިލް ހަވާލުވުމަށްފަހު އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު އޭނާ މެޗު ބެލީ ޑިރެކްޓަރުންގެ ބޮކްސްގައި އިނދެ އެވެ. ނެވިލް ޓީމާ ހަވާލުވީ މި މެޗަށްފަހު އެވެ.