އަޔުޝްމާން ކުރާނާ އަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް އެކްޓަރެވެ. އަޔުޝްމާންގެ ފިލްމުތައް ބަލަން ގިނަ ބަޔަކު ޝައުގުވެރި ވަނީ އެ ފިލްމުތައް ބޮލީވުޑްގައި އާއްމުކޮށް އުފައްދާ ފިލްމުތަކާ ތަފާތުވެފައި މޮޅުވާނެކަން ޔަގީންވާތީ އެވެ.
ނަމަވެސް އަޔުޝްމާންގެ ވެސް ބޮލީވުޑް ފެށުން އެހާ އޮމާނެއް ނޫނެވެ. އެހެންވެ ކުރިން އޭނާއަށް ބޭނުން ފިލްމެއް ޚިޔާރު ކުރުމުގެ ފުރުސަތެއް ނޯވެ އެވެ. ހިތްހަމަނުޖެހޭ ތިން ހަތަރު ފިލްމެއް ކެރިއަރުގެ ކުރީކޮޅުގައި އަޔުޝްމާން އަށް ކުޅެން މަޖްބޫރުވީ އެ ސަބަބާ ހެދި ކަމަށް އޭނާ ބުންޏެވެ.
ފިލްމު ކޮމްޕޭނިއަން އަށް ދީފައިވާ އިންޓަވިއު އެއްގައި އަޔުޝްމާން ބުނީ ކެރިއަރު ބިނާ ކުރުމުގެ ދަތުރުގެ ފުރަތަމަ ކޮޅުގައި ލިބުނު ހުރިހާ ފިލްމެއް އޭނާ ގަބޫލު ކުރި އެވެ. އެގޮތުން އެ ފިލްމުތަކެއް ކުޅެވުނީތީ ހިތާމަކުރާ ތިން ފިލްމެއް އޭނާ ކުޅެފައިވާ ކަމަށް އަޔުޝްމާން ބުންޏެވެ. ނަމަވެސް އޭރު އޭނާ ހުރި މަގާމުގެ ގޮތުން އެ ފިލްމުތައް ކުޅުން ނޫން ގޮތެއް ނުފެނުނީ ކަމަށް އޭނާ ބުންޏެވެ.
އަރްބާޒް ހާންގެ "ޕިންޗް ސީޒަން 2" ގައި ވާހަކަ ދައްކަމުން އަޔުޝްމާން ބުނީ ފުރަތަމަކޮޅު އެއްވެސް ފިލްމެއް ކާމިޔާބުނުވެ. ފިލްމު ކުޅެން ހުއްޓާލަން ވެސް އޭނާ ވިސްނި އެވެ.
"ފުރަތަމަ ފިލްމު ކާމިޔާބު ވިޔަސް އޭގެ ފަހުން ނުކުތް ތިން ފިލްމު ފުލުފުލުގައި ފްލޮޕްވި. އަހަރެންގެ ދުވަސް ދިޔައީކަމަށް މީހުން ބުނަން ފެށި. އެހެންވެ އަހަރެން އެނބުރި ޗަންދީގަޅަށް ދިރިއުޅުން ބަދަލުކުރަން ގަސްތުކުރިން. އެ ދުވަސްވަރު އަހަންނަށް ހުސް ވަގުތު ލިބުނުލެއް ގިނަ ކަމުން ފޮތެއް ލިޔާނީއޭ ހިތާ ފޮތެއް ލިޔުނީ،" އަޔުޝްމާން ބުންޏެވެ.
ނަމަވެސް މިހާރު އޭނާ ހުރީ ފޮތެއް ލިޔަން ނުޖެހޭ ވަރުގެ ރަނގަޅު މަގާމެއްގައި ކަމަށް އަޔުޝްމާން ބުންޏެވެ.
އޭރު ފިލްމުތައް ފްލޮޕްވުމާއި ރަނގަޅު ފިލްމުތައް ކުޅެން ނުލިބޭތީ "އަޔުޝްމާން ބަވާ" ކިޔާ ބޭންޑެއް އުފައްދައި ޕާޓީތަކަށް ލަވަ ކިޔައި ދީގެން އާމްދަނީ ހޯދަން ވެސް ވިސްނިން،" އަޔުޝްމާން ބުންޏެވެ.