މިއަހަރު ތަކެތީގެ އަގު އުފުލުމުގެ ބިރު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވީ އަންނަ އަހަަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިއަދު މަޖިލީުގައި ޖަވާބުދާރީވެ ވާހަކަ ދައްކަވަމުން ނެވެ.
އަމީރު މިއަދު ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސާދު މަޑުޖެހުމަށް ފަހު މިހާރު އިގްތިސާދު އަލުން އަރައިގަން އަންނަނީ ވަރަށް ބާރަށް ކަމަށާއި އެއާއެކު ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރުމުގައި ދަތިވެފައިވާ ކަމަަށެވެ.
އެހެންކަމުން ދުނިޔޭގެ ސަޕްލައިޗެއިނަށް ހިފަހައްޓާ ނުލެވި ތަކެތީގެ އަގު މަތިވެ މުދާ ހޯދުމަށް ވެސް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
"ރާއްޖެއަކީ ރާއްޖެއަށް ބޭނުންވާ ގިނަ މުދާ އިމްޕޯޓްކުރަން ޖެހޭ ގައުމަކަށް ވެފައި ދުނިޔޭގެ ބާޒާރުގައި އަގަުތަަކަށް އަންނަ ބަދަލުތައް ރާއްޖޭގެ އިމްޕޯޓަށާއި މުދަލުގެ އަގަށް އަންނާނެކަމަށް އަޅުގަނޑުމެންނަށްވެސް ގަބޫލުކުރެވޭ. މާނައަކީ އިމްޕޯޓެޑް އިންފްލޭޝަންގެ ރޭޓްގެ ރިސްކު އެބައޮތް ކަން." އަމީރު ވިދާޅުވި އެވެ.
މުދަލުުގެ އަގުތައް މައްޗަށް މިއަހަރު ދިޔަ ނަމަވެސް މިއީ ވަގުތީ ކަމެއް ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް)ގެ ހިސާބުތަކުންވެސް އަންދާޒާކުރަނީ އަންނަ އަހަރު އަގުތައް ދައްވާނެ ކަމަށެވެ.
"އައިއެމްއެފްގެ ކޮމޯޑިޓީ ޕްރައިސް ފޯކާސްޓުގައި ވާގޮތުން މި އަހަރު ކޮމޯޑިޓީ ޕްރައިސް އިންފްލޭޝަން
46 އިންސައްތައިގައި ހުރި ނަމަވެސް 2022 ވަނަ އަަހަރު ހުންނާނީ 1.2 އިންސައްތައިގައި." އަމީރު ވިދާޅުވި އެވެ.