އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުލާހިޔާން ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި ތެހެރާނާއި ބަކޫއާ ދެމެދު މިހާރު އެއްވެސް ނުތަނަސްކަމެއް ނެތެވެ. އޭނާ ވިދާޅުވީ ކުރިންއެރި އޮޅުމަކީ ހިނގި ހަމަނުޖެހުމެއް ނޫން ކަމަށާއި ފޯނުކޯލެއްގެ މަޝްވަރާއިން ދެޤައުމުގެ ދެމެދުގައި އުފެދުނު އޮޅުންބޮޅުންގަނޑުން ފިލައިގެން ހިނގައްުޖެ ކަމަށެވެ.
އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރު ޖެހޫން ބޭރަމޯފްއާ އެކު ފޯން މެދުވެރިކޮށް ބޭއްވި މަޝްވަރާތަކަށް ފަހު އިސްރާއީލަށް އިޝާރާތް ކުރައްވައި އަމީރު އަބްދުލާހިޔާން ވިދާޅުވީ އަޒަރުބައިޖާންއާ އެކު އީރާނުން ބާއްވަމުން ގެންދާ ގުޅުމާ މެދު ބަޔަކު ހަސަދަވެރިވާ ކަމަށާއި އެއީ ފިތުނަ ފަސާދަ އުފެއްދުމަށް ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމުގެ މަޝްވަރާތައް ދެގައުމަށް ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަޒަރުބައިޖާނުން ވެސް ވަނީ ތެހެރާނާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް އެގައުމުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އަވަށްޓެރި ދެގައުމުގެ ގުޅުން މިފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ ހީނަރުވެފަ އެވެ. ތެހެރާނާއި އަޒަރުބައިޖާން ގުޅޭ ބޯޑަރުގައި އިސްރާއީލު ސިފައިން ތިބޭ ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފަ އެވެ. އަނެއްކޮޅުން ބަކޫއިން ތުހުމަތު ކުރާ ގޮތުގައި އީރާނުން ގަވައިދާ ހިލާފަށް ޓްރަކްތަކެއް ނަގޯނޯ-ކަރަބަޚް ސަރަހައްދަށް ވަނީ ފޮނުވާފަ އެވެ.
އިރާންއާ އަޒަރުބައިޖާންއާ ދެމެދު ނުތަނަވަސްކަން އުފެދެން މެދުވެރިވި އަނެއް ސަބަބަކީ އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އީރާންއަށް ތުހުމަތު ކުރައްވައި ވާހަކަފުޅު ދެއްކެވުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުން އަޒަރުބައިޖާންގެ އިމަށް ވަދެ ކަންތައްގަނޑެއް ވަނީ ހިންގާފަ އެވެ.
އީރާނުގެ ދެ ޑްރައިވަރަކު އަޒަރުބައިޖާނުން ހިފެހެއްޓުމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. މަތީ ފަންތީގެ މަޝްވަރާތަކަށް ފަހު މަހެއްހާ ދުވަސް ފަހުން ޑްރައިވަރުން ވަނީ މިނިވަންކޮށްފަ އެވެ.
އީރާނާއި އަޒަރުބައިޖާންގެ ޑިޕްލޮމޭޓުންގެ މެދުގައި އޮތް މަޝްވަރާތަކަށް ފަހު ދެގައުމުގެ ވިޔަފާރި އާއި ތަރައްގީގެ މަސައްކަތްތަކަށް އެއްބާރުލާން ވަނީ އެއްބަސްވެފަ އެވެ.