ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފި އެވެ.
މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ މި ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، "ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން" މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.
އެގޮތުން އިތުރުކުރި މި އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސް ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.
އަދި މި ލިސްޓު އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހްތިޔާރު ރައީސްއަށް އޮވެ އެވެ. އެހެންކަމުން މި އަސްލާހަށް އަމަލުކުރަން ފެށުމަށްފަހު ފުރަތަމަ ލިސްޓު އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގެ ކުރިން ރައީސް ކަނޑައަޅުއްވައި ގެޒެޓް ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ކަނޑައަޅާފައި ވެއެވެ.
މި ލިސްޓު ގެޒެޓުގައި ޝާއިއުކުރާއިރު ލިސްޓުގައި ބަޔާންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީހެއް ކަނޑައެޅުމާއި އަދި އެ ލިސްޓު ކަނޑައެޅުމުގައި ރިއާޔަތްކުރަންވީ ކަންކަމާއި އިސްލާހުގައި ހުރި ބަސްތަކުގެ މާނަކުރުންތައް ވެސް ހިމަނާފައި ވެއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކު ރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން 2023 ގެ ނިޔަލަށް ހުއްޓާލަން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނެ" އް އެކުލަވާލާފަ އެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގައި ހިމެނޭ "ކުންޏަކީ ވަސީލަތަކަށް ހެދުން" އެ ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށް އުކާލާ ޕުލާސްޓިކް މަދު ކުރުމުގައި އަމަލު ކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅާފަ އެވެ.