މޯލްޑިވްސް ޕޮލިސް ސާވިސް

ކޮންޓްރެކްޓެއްގެ ދަށުން ބީއެމްއެލްގެ ސެކިއުރިޓީ ބަލަހައްޓަން ފުލުހުން

Dec 7, 2015

ގައުމީ ބޭންކް، ބީއެމްއެލް ހެޑް އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ފުލުހުންނާ ހަވާލުކޮށްފި އެވެ.

ބީއެމްއެލްގެ ހެޑް އޮފީހާ، އެތަނަށް ދާ ކަސްޓަމަރުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންގެ ސްޕެޝަލް ކޮންސްޓެބްލަރީ (އެސްސީ) ފުލުހުންނާ ހަވާލުކުރީ އިއްޔެ އެވެ.

ފުލުހުންގެ ވެބަސައިޓުގައި މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ބީއެމްއެލްގެ ހެޑް އޮފީހުގެ ބައެއް ފަންގިފިލާތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އެސްސީ ފުލުހުން ހަމަޖައްސާފައިވާއިރު، މީގެ ކުރިންވެސް ބެންކުން އެކިތަންތަނަށް ފައިސާ ގެންދަން ކުރާ ދަތުރުތަކުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެސްސީ ފުލުހުންގެ ހިދުމަތް ތައާރަފްކޮށް، އެކި ސަރަހައްދުތަކުގެ ސެކިއުރިޓީ އެ ޑިޕާޓްމަންޓުން ބަލަހައްޓަން ފެށުމުން އާންމު ކުށްތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީ ކޯޕަރޭޝަންގެ އިތުރުން ޒުވާނުންގެ މަރުކަޒު ފަދަ ތަންތަނުގައި ހިނގާ ޖިނާއީ ކުށްތަކާއި، ހާއްސަކޮށް އައިޖީއެމްއެޗުން ވައްކަން ކުރުން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަން އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.