ދިވެހި އިންޑިއާގެ ގުޅުން

އެކްސްޗޭންޖް ޕޮގްރާމެއްގައި 14 ޒުވާނުން އިންޑިއާ އަށް

Nov 10, 2021

ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ 14 ޒުވާނުން އިންޑިއާއަށް ފުރައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނި ގޮތުގައި މިދަތުރު ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންޑިއާގެ ޒުވާނުންގެ މިނިސްޓްރީން ރާވާފައިވާ މި ދަތުރުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީ އާއި އުދައިޕޫރު އަދި އާގަރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް ދިވެހި ޒުވާނުން ޒިޔާރަތްކުރާނެ އެވެ

ދަތުރުގެ ބައިވެރިން ދަނޑުވެރިކަމާއި ބެހޭ ޔުނިވަސިޓީއަކަށް ޒިޔާރަތްކޮށް ސައިންޓިސްޓުން އަދި ދަރިވަރުންނާއި ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކުރަން ދަސްކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރީތައް އަދި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ މައުލޫމާތު ވެސް ހޯދުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮަށް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައްދަލުކުރުމުގެ އިތުރުން ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސް އަށް ވެސް ރާއްޖޭގެ ޒުވާނުންގެ ވަފްދުން ޒިޔާރަތްކުުރުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހި ޒުވާނުންގެ ޒިޔާރަތުގައި ރާއްޖެއާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަން ތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އިންޑިއާގެ ސަގާފަތާއި އާދަކާދަތައް ބަލާލައި ތާރީހީ އަދި ޓުއަރިސްޓު ތަންތަނަށްވެސް މިދަތުރުގައި ޒުވާނުން ޒިޔާރަތްކޮށް ތަޖުރިބާ ހޯދާނެ އެވެ.

ދިވެހި ޒުވާނުން އިންޑިއާ އަށް ކުރާ މި ދަތުރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ކުރާ ދަތުރެކެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގެ މާޗް މަހު ވެސް މިފަދަ ދަތުރެއްގައި ރާއްޖޭގެ ޒުވާނުންގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތްކޮށްފައިވެ އެވެ.