ޔޫތު މިނިސްޓްރީ

ޔޯގާ ހަރަކާތް ގަލޮޅު ދަނޑަށް ބަދަލުކޮށްފި

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބާއްވަން އުޅޭ ޔޯގާ އިވެންޓް ގަލޮޅު ދަނޑަށް ބަދަލުކޮށްފި އެވެ.

މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި މި އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ.

ޔޫތު މިނިސްޓްރީން ބުނީ އިވެންޓް ބޭއްވުމަށް ރަސްފަންނު ނުލިބުމުން މިހާރު މި އިވެންޓް ބާއްވަން ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ދަނޑުގައި ކަމަށެވެ. މި އިވެންޓް ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 6:30 ގައެވެ.

އިވެންޓާ ގުޅޭ މައުލޫމާތު އާންމުކޮށް، ބައިވެރިވުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެ ޕޯސްޓުގައި ޔޯގާ އިން ލިބިދޭ ފައިދާތައް ވެސް ބަޔާންކޮށްފައިވެ އެވެ.

އެކަމަކު ޔޯގާ އަކީ އިންޑިއާގެ ސަގާފީ އާދަކާދައިގައި ހިމެނޭ ކަމަކަށް ވެފައި، އޭގައި ދީނީ ފުށުއެރުންތަކެއް ހުރުމުން ބައެއް މީހުން ގެންދަނީ މި އިވެންޓް ބޭއްވުމަށް ދެކޮޅު ހަދަމުންނެވެ. މި އިވެންޓާ ދެކޮޅަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ވެސް ވަނީ ބަޔާނެއް ނެރެ މިފަދަ ހަރަކާތްތައް ނުބޭއްވުމަށް ގޮވާލާފަ އެެވެ.