މޯލްޑިވްސް ޕޮލިސް ސާވިސް

ޔޯގާ އިވެންޓްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރުކޮށްފި

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ދަނޑުގައި މިހަރަކާތް ފެށީ މިއަދު ހެނދުނު 6:30 ހާއިރު އެވެ. ހަރަކާތް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި "ﷲ އަކުބަރު" ގޮވަމުން ބަޔަކު ވަނީ ދަނޑަށް ވަދެގެންފަ އެވެ. އަދި އެތަނުގައި ތިބި މީހުން ދަނޑުން ނިކުމެގެން ދިއުމަށްވެސް އަޑުހަރުކޮށް ގޮވާފައިވެ އެވެ.

ދަނޑަށް ވަދެގަތް ބައެއް މީހުން ވަނީ އެ އިވެންޓްގެ ބައެއް ބައިވެރިންގައިގައި ޖަހައިފަ އެވެ. އަދި ހެނދުނުގެ ނާސްތާ ކުރުމަށް ގެނެސްފައިވާ ކާބޯތަކެތި ހުރި މޭޒުތައް ވެސް އުކާލައި ތަކެއްޗަށް ގެއްލުން ދީފައިވެ އެވެ. އެ މީހުން އަމަލުކުރި ގޮތުން ޔޯގާ ހަދަން ތިބި މީހުން ވަނީ ބިރުން ދަނޑުން ނިކުމެގެން ގޮސްފަ އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ދިވެހި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބަޔަކު ދަނޑަށް ވަދެގެންއިރު އެ ސަރަހައްދުގައި ތިބީ މަދު ފުލުހުންތަކެކެވެ. ބަޔަކު ވަދެ ދަނޑުގައި ތިބި މީހުން ފޮނުވާލި ފަހުން ފުލުހުންގެ އިތުރު ބަޔަކު އައިސް ދަނޑަށް ވަދެ ޕެޕާ ސްޕްރޭ ޖަހައި ދަނޑުގައި ތިބި މީހުން ވަނީ އެތަނުން ނެރެފަ އެވެ.

ޔޯގާގެ ހަރަކާތް މިއަދު ފެށީ އެ ހަރަކާތް ކުރިއަށް ނުގެންދިއުމަށް ސޯޝަލް މީޑިއާގައި ބަޔަކު އިންޒާރުދީ ހަދަމުން ދަނިކޮށެވެ.

ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި މި އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު މާލެ ސިޓީ ކައުންސިލުން އެކަމަށް ހުއްދަ ނުދިނުމުން ފަހުން ވަނީ ގަލޮޅު ދަނޑަށް ބަދަލުކޮށްފަ އެވެ.