ސިވިލްސާވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަން ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް މި މޭރުމުން ވާހަކަ ދެއްކެވިއިރު ސިވިލް ސާވިސްގެ ގަވައިދުގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދާއަށް ބަދަލު ގެނެސް ވަޒީފާއިން ބޭރުގައި ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތުމުން އެކަމަށް ފާޑުކިޔުން ވަނީ ބޮޑުވެފައެވެ. ސީއެސްސީން ބުނި ގޮތުން އެއީ ކުރީ ސަރުކާރުގެ ދުވަސްވަރު ގެނެސްފައިވާ އިސްލާހެކެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލްސާވެންޓެއް ރާއްޖޭގައި ހުންނަން އެދިވަޑައިނުގަންނަވާ ކަމަށެވެ. ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން ފިޔަވަޅު އަޅާ އެކަހެރިކޮށް މަގާމުން ވަކިކުރުމުގެ ފުުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސިވިލްސާވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަން ބައެކެވެ.
ސިވިލްސާވެންޓުންދޭ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް އަދި ވަހެއް ރަހައެއްވެސް ހުރެގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ މުވައްޒިފުންގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރުން ކަމަށް ވިދާޅުވިއެވެ. ސިވިލްސާވިސް މުވައްޒިފުންނަށް ތައުރީފު ކުރައްވާ ރައީސް ވިދާޅުވީ އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖެއް ކަމަށެވެ.
ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލްސާވެންޓެއް ރާއްޖޭގައި ހުންނާކަށް އަޅުގަނޑުމެން ނޭދެން. ސިޔާސީ ވަކިކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި އެކަހެރި ކުރެވި މަގާމުން ވަކި ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ. ސިވިލްސާވެންޓުންނަކީ އެ މީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަނެއް. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫންއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް މާބޮޑަށްވެސް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު ސަރުކާރުން އިސްކަންދޭނެ އެއް ކަމަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ. ހިދުމަތްތައް އެކުވެނި އަދި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އަންނަ އަހަރު މަސައްކަތް ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އަންނަ އަހަރަށް ވަރަށް ބޮޑު އިސްކަމެއްދީ އެކަމަށް ބަޖެޓް ކުރެެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ހުރިހާ އެންމެންނަކީ އެއް ވިސްނުމެއްގައި އެއް މަގަކުން ހިނގާނެ އެއް ފިކުރެއްގެ ބައެއް ނޫން. ނުހުރޭ އެތައް ކަމަކާ އަހަން ބޭނުން ނުވާ އެތައް އަޑަކާ ދެކެން ބޭނުން ނުވާ އެތައް މަންޒަރެއް އަބަދުވެސް މުޖްތަމައުގައި ހިނގާނެ. ޑިމޮކްރަސީއެއް އެކުވެ ޝާމިލުވަނީ އެ ހުރިހާ ބައިތައް ހިމެނިގެން. ގަދައަޅާ ހިފަހައްޓަން ޖެހެނީ ހަަމައެކަނި ގައުމިއްޔަތުގެ ބަހާތަށް. އެއީ މާތްވެގެންވާ އިސްލާމް ދީނާއި މިނިވަންކަމާއި ސިޔާދަތާ ތާރީހާއި އާދަކާދައާ ބަހާ ސަގާފަތް. އެއީ ހުރަސް ނުކުރެވޭނެ ރޮނގު. އެއީ ދޫނުދެވޭނެ ތަން،" ރައީސް ވިދާޅުވިއެވެ.
ސިވިލް ސާވިސް ގަވައިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދެ (ހ) ގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.
އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މުވައްޒަފުގެ މަގާމުގެ މަސްލޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވެސް ވަޒީފާ ގެއްލޭނެ ކަމަށެވެ.
މާއްދާގެ (ނ) ގައި ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަފާތުކުރުމެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އެފަދަ އަމަލެއް ކޮށްފި މުވައްޒަފަކަށް އެއްވެސް އެންގުމަކާއި ނުލައި ވަގުތުން ވަޒިފާއިން ވަކި ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.