ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ސްކޮލާޝިޕް ފަންޑް ތައާރަފްކޮށް ސްކޮލާޝިޕް ދެނީ

Nov 11, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބީއެމްއެލް ސްކޮލާޝިޕް ފަންޑް' ތައާރަފްކޮށް ތިން ކުއްޖަކަށް ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.

މިއީ އަންނަ އަހަރުގެ ނޮވެންބަރު މަހު ފާހަގަކުރާ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. އެގޮތުން މުޖުތަމައަށް ފައިދާ ހުރި މުހިއްމު 12 ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ.

ތިން ކުދިންނަށް ސްކޮލާޝިޕް ދިނުމަށް ބީއެމްއެލް އިން މިއަދު -- ބުދަ ދުވަހު ނިންމީ ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސް ގެ ދާއިރާއިން ކިޔެވުމަށެވެ.

ބީއެމްއެލް އިން ބުނީ މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން ބޭންކިން ދާއިރާއިން ބިނާކުރުމުގެ އަމާޒުގައި ހުޅުވާލެވުނު ފަންޑެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ މި އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު މިއީ ބޭންކަށް ހާސިލްކުރެވޭ މުހިއްމު ލަނޑުދަނޑިއަކަށް ވެގެންދާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި، މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް. މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ މި އިއުލާން ކުރެވެނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑް. އަދި މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ޓިމް ސޯޔަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޖުތަމައަށް ފައިދާ ހުރި ދާއިރާތަކާއި އިންވެސްޓް ކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށެވެ. ކޮޕް ސަމިޓްގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިއްމު ހަރަކާތްތަކެއް ހިމަނާ ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އިސްކަން ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ބީއެމްއެލް ސްކޮލާޝިޕް ފަންޑްގެ ތަފްސީލް މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.