ބޮލީވުޑް

ނޯރާ ފަތޭހީ މިފަހަރު ގެނެސްދެނީ "ކުސޫ ކުސޫ"

ޖޯން އަބްރަހަމްގެ "ސަތުޔަމޭވް ޖައިތޭ 2" އަށް ނަށާދީފައިވާ މުޅިން އާ ބެލީ ޑާންސް ލަވައާއެކު ނޯރާ ފަތޭހީ އަނެއްކާ ވެސް އޭނާގެ ފަރި އަދާތައް ދައްކާލައިފި އެވެ. ޒަހްރާ ހާން އާއި ދޭވް ނެގީ ކިޔާފައިވާ މި ލަވައިގެ ނަމަކީ "ކުސޫ ކުސޫ" އެވެ. މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ ޓާނިޝްކް ބަގްޗީ އެވެ.

ސްޓޭޖުގައި މި ލަވަޔަށް ނޯރާ ނަށަމުން ދާއިރު އެއް ފަރާތެއްގައި ޖޯން ބަލަން ހުއްޓާ ފެނެ އެވެ.

ނޯރާ އަކީ އެކްޓަރެއް ނަމަވެސް ގިނަ ބަޔަކަށް އޭނާ އެނގެނީ ކުޅެފައިވާ ލަވަތަކުންނެވެ. "ސަތުޔަމޭވަ ޖައިތޭ" ގެ ފުރަތަމަ ބަޔަށް ނޯރާ ނަށައިދިން ލަވަ "ދިލްބަރް" އަދިވެސް މިއުޒިކް ޗާޓްތަކުގެ ކުރީގައި އެބައޮތެވެ.

ނޯރާގެ "ކުސޫ ކުސޫ"

"ސަތުޔަމޭވަ ޖައިތޭ" އަކީ ޖޯން ތިން ރޯލެއް ކުޅޭ ޑްރާމާ ފިލްމެކެވެ. މި ފިލްމުގައި ބައްޕަގެ ރޯލާއި އޭނާގެ ދެ ދަރިންގެ ރޯލު ވެސް ކުޅެނީ ޖޯން އެވެ. ދިވްޔާ ކޯސްލާ ކުމާރު ބަތަލާގެ ބައި ކުޅޭ މި ފިލްމުގައި ގޯތަމީ ކަޕޫރާއި ހަރްޝް ޗާޔާ އަދި އަނޫޕް ސޯނީ ވެސް ބައިވެރިވެ އެވެ.

ނޮވެމްބަރު 25 ގައި ސިނަމާތަކުގައި މި ފިލްމު އަޅުވަން ހަމަޖެހިފައިވާއިރު ނޯރާގެ ލަވަ މި ފިލްމަށް ފިޓްވަނީ ކިހާވަރަކަށްތޯ ނުވަތަ މިއީ ހަމައެކަނި ބެލުންތެރިންގެ ސަމާލުކަން ހޯދަން ފިލްމުގައި ހިމަނާފައިވާ އައިޓަމް ނަންބަރެއްތޯ އެނގޭނީ ފިލްމު ބަލާލުމުންނެވެ.