ބޮލީވުޑް

ނޯރާ ފަތޭހީ ބަދަލު ހިފަން އުޅެނީ ކާކު ކިބައިން ބާ؟

ނޯރާ ފަތޭހީގެ ސޯޝަލް މީޑިއާ އެކައުންޓުން އޭނާ އިއްޔެ ޝެއާ ކުރި މެސެޖެއްގެ މާނަ ނޭނގިގެން ގިނަ ބަޔަކު ބޯ ކަހަން ފަށައިފި އެވެ.

އިންސްޓަގްރާމް ސްޓޯރީޒްގައި ނޯރާ ޝެއާކުރި މެސެޖެއްގައި ތައުބާ ވުމާއި ބަދަލު ހިފުމާއި ގުޅޭ ވާހަކަތަކެއް ދައްކާފައި ވެއެވެ.

"އަހަންކަށް މާ ރަނގަޅަކަށް ތައުބާއެއް ނުވެވޭނެ. އެއަށް ވުރެ ރަނގަޅަށް އަހަރެން ބަދަލު ހިފާހިތް ވަނީ. އަހަރެން މިކަން ކުރާނަން. ގަބޫލު ކުރޭ،" ޑެވިލް އީމޯޖީ އަކާއެކު ނޯރާ ޝެއާ ކުރި މެސެޖުގައި ވެއެވެ.

މި މެސެޖުގެ ތަފްސީލު ނޯރާ ޝެއާ ކޮށްފައި ނުވާތީ އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ 21.9 މިލިއަން މީހުން މިހާރު ތިބީ ހައިރާން ވެފަ އެވެ.

ނޯރާ އަކީ ކެނެޑާގައި އުފަންވެ ބޮޑުވި މޮރޮކޯ ދެމަފިރިއެއްގެ ދަރިއެކެވެ. ބޮލީވުޑުން އޭނާއަށް މަޝްހޫރުކަން ލިބުނީ 2018ގައި ފިލްމު "ސަތުޔަމޭވް ޖައިތޭ"އަށް އޭނާ ކުޅެދިން އައިޓަމް ސޯންގް "ދިލްބަރް"ގައި ނަށާފައިވާ މޮޅު ނެށުމުގެ ސަބަބުންނެވެ.

އޭގެ ފަހުން "ސުތުރީ"ގެ 'ކަމަރިޔާ' ލަވަ އާއި "ބަޓްލާ ހައުސް"ގެ 'އޯ ސާކީ ސާކީ' އާ ދެ ލަވަ ވެސް ބްލޮކްބަސްޓާވެ އޭނާ ވަރުގެ ކުޅަދާނަ ނެށުންތެރިޔަކު ނެތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަން ފެށި އެވެ.

ހިންދުސްތާން ޓައިމްސް އަށް މީގެ ދުވަސްކޮޅެއް ކުރިން ނޯރާ ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އައިޓަމް ސޯންގްތައް ގުޅޭ "އައިޓަމް ގާލް"އެއްގެ ގޮތުގައި ލޭބަލް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކި ރޯލުތައް ވެސް އޭނާއަށް ވަރަށް ފުރިހަމައަށް ކުޅެލެވިދާނެ ކަމަށާއި ބޮލީވުޑްގައި ދެމި ހުރެވޭނީ ރަނގަޅު ފިލްމުތަކެއް ކުޅެގެން ކަމަށް ގަބޫލުކުރާ ކަމަށް ނޯރާ އެ އިންޓަވިއުގައި ބުނެފައި ވެއެވެ.

އެހެން ގައުމުތަކުގެ މީހުންނަށް ބޮލީވުޑުން ޖާގަ ހޯދުމަކީ އަދި އެ އިންޑަސްޓްރީގައި ގިނަ ދުވަހު މަސައްކަތްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ނޯރާ އެއްބަސްވެ އެވެ.

"އިންޑިޔާ މީހަކަށް ނުވާތީ ވަރަށް ކަންކަން ކުރަން އުނދަގޫވޭ. ބަސް ނޭނގުން ވެސް އެއީ މައްސަލައެއް. އަދި އިންޑިޔާގެ ކެރެކްޓާތަކުގެ ހަރަކާތްތައް ކޮޕީކުރުމަކީ ވެސް އުނދަގޫކަމެއް،" ނޯރާ ބުންޏެވެ.

ނޯރާ ބުނި ގޮތުގައި ފާއިތުވީ ދެ ތިން އަހަރަކު އޭނާ މަސައްކަތްކުރީ ހިންދީ ބަސް ދަސްކޮށް އިންޑިއާ މީހުން އެކްޓްކުރާ ގޮތަށް އެކްޓްކުރަން ދަސްކޮށްގެން ހިންދީ ފިލްމު ކުޅުމުގެ ފުރުސަތު ހޯދާށެވެ.

އެގޮތުން "ބާރަތު" އާއި "ސްޓްރީޓް ޑާންސާ 3ޑީ" އިން ރަނގަޅު ރޯލުތައް ނޯރާ އަށް ކުޅެން ލިބިފައި ވެއެވެ. އަދި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ"ގެ މަސައްކަތް ނޯރާ މިހާރު ދަނީ ކުރަމުންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިޒްނީ+ހޮޓްސްޓާ އިންނެވެ.