ދުނިޔެ

ތުރުކީ ސަރުކާރަށް ދީފައި ހުރި ފައިސާއެއް ނުހުންނާނެ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ތުރުކީ ސަރުކާރަށް ދީފައި ހުރި ފައިސާއެއް ނުހުންނާނެ ކަމަށް އީޔޫގެ އިސް އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

އޮފިޝަލް ވިދާޅުވީ އީޔޫއިން ދިން ފައިސާއަކީ ސަރަހައްދީ ރެފިއުޖީންގެ މައްސަލަތައް ހައްލު ކުރަން ތުރުކީން ކުރާ ހޭދަ އޮބިނޯންނަވަރު ވެފައިވާތީ އެކަމަށް ހަރަދުކުރަން ދިން ފައިސާ ކަމަށެވެ.

"ސާފުކޮށް ދަންނަވަން. ޔޫރަޕިއަން ކޮމިޝަނުން ތުރުކީ ސަރުކާރަށް ފައިސާއެއް ނުދޭ. އަޅުގަނޑުމެން މިދަނީ ތުރުކީގައި ތިބި ސީރިއާގެ ރެފިއުޖީންނަށް އެހީ ފޯރުކޮށް ދެމުން" ޔޫރަޕިއަން ކޮމިޝަނާ ފޮ ހޯމް އެފެއާޒް ޔިލްވާ ޔޮހާންސަން ވިދާޅުވި އެވެ.

ހިޖުރަވެރިން ސްމަގްލް ކުރުމާ ދެކޮޅަށް ޔޫރަޕްގެ އެކްޝަން ޕްލޭން ހުށަހެޅުއްވުމަށް ފަހު ޔޮހާންސަން ވަނީ ހިޖުރަ ކުރުމުގެ އެހެން ކަންކަމާ ބެހޭ ގޮތުން އީޔޫގެ ގާނޫން ހަދާ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

އީޔޫއިން ތުރުކީއަށް ދޭ ފައިސާއާ ބެހޭ ގޮތުން ސުވާލު ކުރުމުން ޔޮހާންސަން ވިދާޅުވީ ތުރުކީއަށް ވުރެ ގިނައިން ރެފިއުޖީންނަށް އެހީތެރިވާ ގައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. އަދި އެންމެ ގިނަ ރެފިއުޖީން ބަލަހައްޓަނީ ވެސް ތުރުކީން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ހަތަރު މިލިއަނާ ގާތްކުރާ އަދަދަކަށް ރެފިއުޖީން އެގައުމުގައި ތިބި ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރެފިއުޖީންނަށް އަޅާލާކަން ސާބިތު ކޮށްދެވެން އޮތީ ވެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީގެން. ތުރުކީގައި ތިބި ރެފިއުޖީންނަށް ވެސް އަހަރެމެން އަޅާލަނީ މި އުސޫލުން" އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ޔޮހާންސަން ވިދާޅުވި ގޮތުގައި ރެފިއުޖީން ސްމަގްލް ކުރާ ނެޓްވޯކްތައް ރޫޅާލުމުގައި އީޔޫ އާއި ތުރުކީން ވެސް މަސައްކަތް ކުރަން ޖެހެ އެވެ. އެއީ ބުއްދިވެރި ކަމެއް ގޮތުގައި އެކަމަނާ ފާހަގަ ކުރެއްވި އެވެ.

އީޔޫ އާއި ތުރުކީވިލާތުން 2016 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެއްގައި ނުގަވާއިދުން ރެފިއުޖީން ޔޫރަޕަށް އެތެރެވުން ހުއްޓުވައި، ތުރުކީގައި ތިބި ސޫރިޔާގެ ރެފިއުޖީންގެ ހާލަތު ރަނގަޅު ކުރުމަށް އެއްބަސްވުމެއް އޮތީ ހަދާފަ އެވެ. މިއެއްބަސްވުމުގެ ދަށުން އީޔޫއިން ތުރުކީއަށް އެހީވަނީ އެވެ.

އީޔޫގެ ހިސާބުތައް ދައްކާ ގޮތުން ތުރުކީގައި ތިބި ރެފިއުޖީންނަށް ހަ ބިލިއަން ޔޫރޯގެ އެހީ ދޭން ވައުދުވެ، ހަތަރު ބިލިއަން ޔޫރޯ ވަނީ ދޫކޮށްފަ އެވެ.