ގައުމީ ޔުނިވާސިޓީ

އެމްއެންޔޫއިން ލަކްސް ރިސޯޓާ ގުޅިގެން މީހުން ތަމްރީންކުރަނީ

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްްރީނު ކުރަން ނިންމައިފި އެވެ.

އިއްޔެ އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. ލަކްސް ރިސޯޓުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޕެޓްރީސް އައިރާ އެވެ. އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

މި އެއްބަސްވުން އެކުލަވާލައިފައި ވަނީ ތިން އަހަރު ދުވަހަށެވެ.

ޝަރީފު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ ޓުރިޒަމް ފެކަލްޓީގެ މުވައްޒަފުން ލަކްސް ރިސޯޓަށް ގޮސް ތަޖުރިބާ ހޯދާނެ ކަމަށެވެ. އަދި ފެކަލްޓީގެ ކަރިކިއުލަމް އިތުރަށް ތަރައްގީ ކުރުމަށް ރިސޯޓުން އެހީވާނެ ކަަމަށެވެ.

އޭގެ އިތުރުން ލަކްސް ރިސޯޓުގައި ކިޔަވަން ބޭނުންވާ މުވައްޒަފުންނަށް އެމްއެންޔޫގެ ކޯސްތައް ރިސޯޓުގައި ތިބެގެން ކިޔެވޭނެ ފުރުސަތު ފަހިކޮށްދީ އެ ރިސޯޓާ ކައިރި ރަށްތަކުގެ މީހުން ވެސް ތަމްރީން ކުރާނެ ކަމަށެވެ.