މާލެ ސިޓީ ކައުންސިލުން އެކި ބޭނުން ތަކަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިން ތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ހޯދުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ބިމު ކުލި ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީ އަކާ ގުޅިގެންނެވެ.
މީރާގެ ސިޓީގައި ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން ޓެކްސް ފިޔަވައި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް ފިޔަވަޅުތަކެއް އެޅުމުގެ ބާރު މީރާ އަށް ކުރިން ލިބިފައި އޮތް ނަމަވެސް މިހާރު އެ ފުރުސަތު މީރާ އަށް ނެތް ކަމަށެވެ. އެހެންވެ ސިޓީގައި އެދިފައިވަނީ ސިޓީ ކައުންސިލް މެދުވެރިކޮށް މީރާއަށް ބަލައިގަންނަ ފައިސާގެ ތެރެއިން މިހާތަނަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންގޮސްދިނުމަށެވެ.
ކައުންސިލްގެ ބައްދަލުވުމަށް މީރާގެ ސިޓީ އިއްވަވާ ދެއްވަމުން މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ މީރާގެ ސިޓީއެއް ލިބިފައިވަނީ ކައުންސިލުން މިރާއާއި އެކު ބޭއްވި ބައްދަލުވުމަކާ ގުޅިގެން ކަމަށެވެ. މީރާގެ ސިޓީގައި ބުނާ ފައިސާގެ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން އެ ފައިސާ ހޯދަންޖެހޭ ކަމަށެވެ.
"މީގެ ތެރޭގައި ގިނައީ ވިޔަފާރި ބޭނުންތަކަށް އެކި ފަރާތްތަކަށް ކުއްޔަށް ދީފައި ހުރި ބިންތަކުން ލިބެންޖެހޭ ފައިސާ. އަދި ހަމައެހެންމެ ސޯޝަލް ހައުސިންގައި ހިމެނޭ ސިނަމާލެ، މާލެހިޔާ ފްލެޓުތަކުގެ ބައެއް ބޭފުޅުންނަށް ނުދެއްކި ހުރި ފައިސާ ވެސް މީގައި އެބަހިމެނޭ،" މުއިއްޒު ވިދާޅުވި އެވެ.
މީރާގެ ސިޓީއާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ކައުންސިލަރުން މަޝްވަރާކުރެއްވުމަށްފަހު ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް ކުލީގެ ފައިސާ ހޯދުމަށް ނިންމާފައިވެ އެވެ. އެގޮތުން ނިންމީ ސޯޝަލް ހައުސިންގައި ހިމެނޭ ފަރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދުމުގައި އަމަލުކުރާނެ ގޮތެއް ފަހުން ނިންމުމަށެވެ. އެކަމަކު ވިޔަފާރި އުސޫލުން ދޫކޮށްފައި ހުރި ބިންތަކަށް ފައިސާ ނުދައްކާ ހުރި ފަރާތްތަކުން ފައިސާ ނުދައްކާ ހުރި ސަބަބު ބަޔާންކޮށް ސިޓީ އަކުން ކައުންސިލަށް އެންގުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވެ އެވެ. އަދި އެއަށްފަހު ކުލީގެ ފައިސާ ހޯދުމަށް އަަންޖެހޭ ފިޔަވަޅު އަޅަމުން ގެންދިއުމަށާއި ކޯޓަށް ދާންޖެހޭ ނަމަ ކޯޓަށް ދިއުމަށް ކައުންސިލުން ނިންމާފައިވެ އެވެ.
"އެގޮތަށް ފުރުސަތު ދީފައި އިޖާބަދޭ ފަރާތްތަކުގެ މައްސަލަ [ސިޓީ ކައުންސިލްގެ] ކޯޕަރޭޓް ކޮމިޓީއާއި ކޯޕަރޭޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ ގޮތަށް. އަދި ހަމަ އެއާއެކުއެކީގައި އިޖާބަ ނުދޭ ފަރާތްތަކާމެދު އެ ހިސާބުން ފެށިގެން ފިޔަވަޅު އަޅަން ފެށުމަށް. ކައުންސިލާއި އެ ފަރާތްތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅަމުންގޮސް ފައިސާ ހޯދުމަށް ކޯޓަށް ދާންޖެހުނަސް އެ މަރުހަލާ އަށް ވެސް ދާނެ. އަދި ކައުންސިލަށް އެއްބާރުލުން ދޭ ފަރާތްތަކުގެ އަތުން އަވަހަށް ފައިސާ ހޯދަންވެސް މަސައްކަތް ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
މާލެ ސިޓީގެ އެކި ސަަރަހައްދުތަކުން ދޫކޮށްފައިވާ ބިންތަކާއި މާރުކޭޓުފަދަ ތަންތަން ކުއްޔަށް ނެގުމަށްފަހު ފައިސާ ނުދައްކާ ލިސްޓްގައި 156 ފަރާތެއް ހިމެނެ އެވެ. މީގެތެރެއިން 149 ފަރާތަކީ ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކެވެ. ބާކީ ހަތް ފަރާތަކީ ސޯޝަލް ހައުސިންގެ ދަށުން ފްލެޓަށް ކުލި ނުދައްކާ ފަރާތްތަކެކެވެ. ސިޓީ ކައުންސިލަށް ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ އެންމެ ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ.
މާލެ ސިޓީ ކައުންސިލުން ފިޔަވަޅުތަކެއް އަޅައިގެން ހޯދަން ތައްޔާރުވަމުންދާ ބިމު ކުއްޔަކީ އޮކްޓޫބަރު 2017 އިން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުލިބި ހުރި ފައިސާ އެވެ. ކުލި ނުދައްކާ ހުރި ތާރީހުތަކަށް ބަލައި ކައުންސިލަރުން ވިދާޅުވީ ކުލި ނުދައްކާ ހުރީ ކޮވިޑާ ގުޅިގެން ދިމާވި މާލީ ދަތިތަކާ ގުޅިގެން ނޫން ކަން އެނގޭ ކަމަށެވެ.